ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް، ރައީސް އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށްގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕޯޓަލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާހުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތަށް އިފްތިތާޙުކުރެއްވި ޕޯޓަލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިޕޯޓަލްގެ ހިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަކުރެވޭ ފޯނު އެޕްލިކޭޝަން ވެސް އިފްތިތާހުކުރާނެ ކަމަށެވެ.
މީގެ އިތުރުން މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.