ކޮންމެ އަތޮޅެއްގައި ސެޓިފައިޑް 2 ކްލެސިފަޔަރުން ބިނާކުރުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް މިނިސްޓަރު މިހެން ވިދާޅުވީ، ސަރަހައްދީ ޤައުމުތަކަށް އަމާޒުކޮށް ރާއްޖޭގައި ކުރިއަށްގެންދާ ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަގައެވެ. ރާފިއު ވިދާޅުވީ 2030ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ސެޓިފައިޑް ދެ ކްލެސިފަޔަރުން ބޭތިއްބުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
އެގޮތުން ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕްވެގެންދާނީ މިދެންނެވި އަމާޒަށް ވާސިލްވުމަށް ކޮށިގެންދާ މުހިންމު މަގަކަށްކަމަށެވެ.
މިއީ ސަރުކާރުގެ ޕެރަ ކްލިސިފިކޭޝަން ސިޔާސަތަށް ކޮށިގެންދާ މަގެއްކަމަށާއި، 2030 ގެ ނިޔަލަށް ކޮންމެ އަތޮޅެއް ކަވަރުކުރުމަށް ކުރަހާލާ މަގު ޗާޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދުވަސްވީ ހުވަފެނެއްގެ އިތުރުން ވަރަށް މާތް މަގްސަދެއް ހިމެނޭ ކަމެއް. އަޅުގަނޑުމެންގެ ސްކޫލްތަކާ ސިއްހަތާ ގުޅުންހުރި މުއައްސަސާތައް އެކުވެ، ސަރަހައްދީ ހަތް ހަބެއް އުފެދިގެންދާނެ. އަދި ކޮންމެ އަތޮޅަކަށް މަދުވެގެން ދެ ކްލެސިފަޔަރުން ތަމްރީނުކުރެވިގެންދާނެ" ރާފިއު ވިދާޅުވިއެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ)ގެ އެހީތެރިކަމާއެކު މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދާ މި ވޯކްޝޮޕުގައި ކިޔަވައިދެއްވާނީ އީރާން، މެލޭޝިއާ އަދި އިންޑިއާގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.
ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕްގެ ސަބަބުން ޕެރަ އެތުލީޓުން ފެތޭ ކެޓަގަރީތައް ދެނެގަނެ، ސެޓިފައިޑް ކްލެސިފަޔަރުން ތަމްރީނުވެގެންދާއިރު، މި ކްލެސިފަޔަރުންގެ އެހީތެރިކަމާއެކު ޕެރަ އެތުލީޓުންނަށް ހަމަހަމަކަމާއެކު، އެ އެތުލީޓަކު ފެތޭ ކެޓަގަރީތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޕެރަ އެތުލީޓުން މުބާރާތްތަކުގައި ވާދަކުރުމަށް އެކަށައަޅާފައިވާ އިންޓަނޭޝަނަލް އުސޫލަކީ ނުކުޅެދުންތެރިކަމުގެ ނިސްބަތް ހަމަހަމަވާނެފަދަ ގޮތަކަށް ކެޓަގަރީކުރުމެވެ. އެހެންނަމަވެސް ރާއްޖޭގައި ޕެރަ ކްލެސިފަޔަރުން ނެތުމުގެ ސަބަބުން ލޮލަށް ނުފެންނަ އެތުލީޓާއި، ވީލް ޗެއާގައި އިންނަ އެތުލީޓުގެ އިތުރުން އިވުމުން މަހުރޫމުވެފައިވާ އެެތުލީޓުންވެސް ވާދަކުރަންޖެހިފައިވަނީ އެއް ކެޓަގަރީއެއްގައެވެ. އެހެންކަމުން ޕެރަ ކްޕެސިފަޔަރުން ތަމްރީނުވުމުން މިކަމަށް ހައްލެއްލިބި، ކޮންމެ އެތުލީޓަކަށްވެސް ހަމަހަމަ ފުރުސަތުތައް ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގައި މިފަދަ ވޯކްޝޮޕެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން، ނޭޕާލް، ޕާކިސްތާން، ބޫޓާން، އިންޑިއާ ސްރީލަންކާ އަދި ބަންގްލަދޭޝްއިން މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މި ޤައުމުތަކުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވާ ޑޮކްޓަރުންނާއި ތަޖުރިބާކާރު ފަރާތްތައް ހިމެނެއެވެ.