ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަން ފެށީ ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފެށީ މިދިޔަ މަހުގެ 1 އިން ފެށިގެންނެވެ.
ނަމަވެސް އެ ޓެކްސް ކަނޑާލަން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން އެ ބިލް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ 26 ގަ އެވެ.
އެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެމުން، ބިލަށް ބަހުސް ކުރުމަށްފަހު، ބިލު ފާސްކުރަން މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން، ބިލް ފާސްކުރީ، ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީ މެންބަރުންނާއެކު 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލުގައި ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.