twitterviber whatsapp telegramfacebookyoutube instagram
17th November 2026

ޕާސްޕޯޓު ނިމުމުން ލަސްނުކޮށް ނެގުމަށް އިމިގްރޭޝަނުން އެދިއްޖެ

ނަބީލާ އިސްމާޢީލް
Nov 16, 2026

ޕާސްޕޯޓު ހަދައި ނިމިފައިވާނަމަ ލަސްނުކޮށް އެ ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅައި، ޕްރިންޓުކޮށް ނިމުމަށްފަހު ވެސް ބައެއް ފަރާތްތަކުން ޕާސްޕޯޓާ ހަވާލުނުވެ ގިނަ ދުވަސްތަކެއް ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެ އިދާރާއިން ވަނީ ޕާސްޕޯޓާ ހަވާލުވުމާ ގުޅޭ މުހިންމު އުސޫލެއް ހަނދާންކޮށްދީފައެވެ.

އެގޮތުން، ޕްރިންޓުކޮށް ނިންމާފައިވާ ޕާސްޕޯޓުތައް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު، ހަވާލުނުވެ ހުންނަ ޕާސްޕޯޓުތައް ކަނޑައެޅިފައިވާ ހާއްސަ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ޕާސްޕޯޓަކީ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ މުހިންމު ރަސްމީ ލިޔެކިއުމަކަށް ވުމާއެކު، ޕާސްޕޯޓު ނިމިފައިވާ ކަމަށް އެ އިދާރާއިން އެންގުމުން ވީހާވެސް އަވަހަކަށް ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. އިމިގްރޭޝަނުން މި ފިޔަވަޅު އަޅަން ނިންމާފައިވަނީ، ޕާސްޕޯޓުތައް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން އެ ތަކެތި ރައްކާކޮށް ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293