ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އެ ދަބަހުގެ ހަގީގަތް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފިއެވެ.
ނޫސް މީޑިއާއަކުން އާންމުކުރި ވީޑިއޯއެއްގައި، ޑރ. މުއްޠަލިބު ކަޅު ކުލައިގެ ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަންނަވާ މަންޒަރު ފެނުމާ ގުޅިގެން، އެ ދަބަހަކީ ފައިސާ އަޅާފައިވާ ދަބަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކި ތުހުމަތުތައް ކޮށްފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން، މުއްތަލިބު ވިދާޅުވީ ރޭގެ ވަގުތެއްގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމްއާ އެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މެމްބަރުންތަކެއް އެދުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެމްބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވަން ކަމަށެވެ.
އެކަމަކު އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ ލޯންޗުން ފޭބި ގޮތަށް، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ވެސް ހިފައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނާ އިން ސްކޭން ވެސް ކޮށްގެން، ބައްދަލުވުމަށް ފަހު މަޖިލިސް އިދާރާ އިން އަޅުގަނޑު ނުކުތީ އެ ދަބަސް ކޮޑުގައި އަޅުވައިގެން. " މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާއަކީ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ އަދި ސީސީޓީވީ ކެމެރާ އާއި ދަބަސް ސްކޭނާ އާއި ބޮޑީ ސްކޭނާ ވެސް ހުންނަ ތަނެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވަޒީރުންނަށް ވެސް އެތަނަށް ވަދެވެނީ އައިޑީކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ދިޔައީ މި ދެންނެވި ގޮތަށް ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެންނެވެ."




