ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އާބަން ފާމިން ކޯޕަރޭޝަން" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ މަޝްރޫއަށް އެ ބޭންކުން ދެ ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.
"ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާ އިން ހިންގި މި މަޝްރޫއަކީ ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އޭގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމަޢަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި އިގްތިސާދީ އާ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫއުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.




