twitterviber whatsapp telegramfacebookyoutube instagram
9th September 2026

"އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2026" ގައި 48 ޓީމު ވާދަކުރަނީ

ނަބީލާ އިސްމާޢީލް
Sep 9, 2026

އުރީދޫ ނޭޝަނަލް އެޓޯލް އީސްޕޯޓްސް ލީގުގައި 48 ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އުރީދޫއިން ބުނީ އެ މުބާރާތުގެ ދެވަނަ އެޑިޝަނާ އެކު މުޅި ރާއްޖެއަށް ހުޅުވާލައިގެން "އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026" ކުރިއަށް ގެންދާ ކަމަށެވެ. މިއީ އެ ކުޅުންތެރިން ނިސްބަތްވާ ރަށް ރަށާއި މުޖުތަމައު ތަމްސީލުކޮށް، ގައުމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ޕަބްޖީ މޮބައިލްގެ ހުނަރު ދައްކާލުމަށް ލިބޭ ފުރުސަތެކެވެ.

މި އަހަރުގެ މުބާރާތުގައި 48 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު، އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގެ ޗެމްޕިއަންކަން ހޯދުމަށް ޕަބްޖީ މޮބައިލް ގެ ޖުމްލަ 75 މެޗު ކުޅޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ އަތޮޅު އީސްޕޯޓްސް ލީގުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް އެމީހުންގެ އަމިއްލަ ރަށުގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭނެ ކަމެކެވެ. ރާއްޖޭގެ އުތުރުން ދެކުނަށް، އެންމެ ކުރި ހޯދާނީ ކޮން ރަށެއްތޯ ސާބިތުކޮށްދިނުމަށް ޓީމުތަކުން ޕަބްޖީ މޮބައިލްގައި ވަރުގަދައަށް ވާދަކުރާނެ ކަމަށް ބުންޏެވެ.

މި މުބާރާތަކީ 2025 ވަނަ އަހަރު ބޭއްވި ފުރަތަމަ އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގަށް ބިނާކޮށް ކުރިއަށް ގެންދާ މުބާރާތެވެ. ދެވަނަ އެޑިޝަނާއެކު އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް އިންތިޒާމުވެފައިވާ މުބާރާތްތަކުގައި ބައިވެރިވެ، ހުނަރު ތަރައްޤީކޮށް އަދި އަގުހުރި ވާދަވެރި ތަޖުރިބާތަކެއް ހޯދައިދީގެން ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް ހަރުދަނާކުރުން ކަމަށް ވެސް ބުންޏެވެ.

މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުންދާއިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަޕޯޓަރުންނަށް އެމީހުންގެ ރަށުގެ ޓީމުތަކަށް ސަޕޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ހުނަރުވެރިން ތަރައްގީކުރުމަށާއި، ދިވެހި ގޭމަރުންނަށް މަތީ ފެންވަރުގެ ވާދަވެރި މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަކޮށްގެން ހިންގާ ގޭމިން އަދި އީސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ "އުރީދޫ ނޭޝަން" ގެ ހަރަކާތެއް ކަމަށެވެ.

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 އާ ގުޅޭ އިތުރު ތަފުސީލުތަކާއި، ބައިވެރިވާ ޓީމުތަކާއި މެޗުތަކުގެ ތާވަލު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރަމުންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293