twitterviber whatsapp telegramfacebookyoutube instagram
22nd November 2026

ލޯނު ދޫކުރާ އުމުރުފުރާ މަތިކުރަން ރައީސް އެދިވަޑައިގެންފި

ނަބީލާ އިސްމާޢީލް
Nov 22, 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރުމުގައި މިހާރު ކަނޑައަޅާފައިވާ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދެއްކި ދޮށީ އުމުރުގެ މީހަކު ވަނީ ލުއި ލޯނު ލިބޭނެ މަގުތައް ފަހިވެފައިވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ނުލިބޭ މައްސަލައަކީ ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އެ ރައްޔިތު މީހާ ހިއްސާކުރި ގޮތުގައި، ގެދޮރު އެޅުމަށް ލޯނު ބޭނުންވި ކަމުގައި ވިޔަސް، އުމުރުގެ ގޮތުން އެ ފުރުސަތު އޮތީ ބަންދުވެފައެވެ. އަދި ދަރިންގެ ނަމުގައި ލޯނު ނަގަން ބެލި ނަމަވެސް، އެ ކުދިން ކިޔެވުމުގެ ލޯނާއި އެހެނިހެން ދަރަނިތައް ދައްކަމުންދާތީ، އެ މަގު ވެސް ވަނީ ބަންދުވެފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ މީހުންގެ އެވްރެޖް އުމުރު ދަށް ނަމަވެސް، މިހާރު ދިވެހިންގެ އެވްރެޖް އުމުރު ހުރީ ގާތްގަނޑަކަށް 80 އާ ހިސާބުގައި ކަމަށެވެ. އެހެންކަމުން ބީއެމްއެލް އިން ކަނޑައަޅާފައިވާ 60 އަހަރުގެ ލިމިޓަކީ މިހާރު އެންމެ އެކަށީގެންވާ އުމުރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށްޓަކައި ބޭންކަށާއި ފިނޭންސަށް މިހާރު ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި މައްސަލައަށް މިހާރު ވެސް ބައެއް ބަދަލުތައް ގެނެސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމަށް އެކަށޭނަ ހައްލެއް އަންނާނެ ކަމަށާއި، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދޮށީ އުމުރުގެ ރައްޔިތުންނަށް އުންމީދީ ހައްލެއް ހޯދައިދޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293