twitterviber whatsapp telegramfacebookyoutube instagram
19th November 2026

ރާއްޖެ އާއި ޕާކިސްތާނުގެ ވިޔަފާރި ފުޅާކުރުމަށް ޖޮއިންޓް ވޯކިން ގްރޫޕެއް

ނަބީލާ އިސްމާޢީލް
Nov 19, 2026

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ބަނދަރުތައް ގުޅުވާލުމަށާއި ކަނޑުދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ހާއްސަ "ޖޮއިންޓް ވޯކިން ގްރޫޕް" އެއް އެކުލަވާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމަކަށް އައިސްފައިވަނީ ޕާކިސްތާނުގެ ފެޑެރަލް މިނިސްޓާ ފޯ މެރިޓައިމް އެފެއާޒް މުހައްމަދު ޖުނައިދު އަންވަރު ޗައުދަރީ އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެން، ވާޗުއަލްކޮށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. އިއްޔެ ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފެޑެރަލް މިނިސްޓާ ފޯ ކޮމާސް ޖާމް ކަމާލް ޚާން އާއި، ޕްރައިމް މިނިސްޓަރުގެ އެޑްވައިޒަރު އޮން އިންޑަސްޓްރީޒް އެންޑް ޕްރޮޑަކްޝަން ހާރޫން އަޚްތަރު ޚާންގެ އިތުރުން ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސާދު ކުރިއެރުވުން ނުވަތަ ''ބްލޫ އިކޮނޮމީ'' ގެ ދާއިރާއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕާކިސްތާނުގެ މިނިސްޓަރު ޖުނައިދު ޗައުދަރީ ވިދާޅުވީ، ދެ ގައުމުގެ ބަނދަރުތައް އެކަށީގެންވާ ގޮތެއްގައި ގުޅުވާލައި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އަދި ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކޮށްގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ މާކެޓަށް ބޭނުންވާ މުހިންމު މުދާތައް ކަމަށްވާ ހަނޑޫ، ހަކުރު، މޭވާ، ތަރުކާރީ، ބޭސް އަދި ފޭރާމުގެ ބާވަތްތައް އެތެރެކުރުން އިތުރުކުރުމަށް ޕާކިސްތާނުން ރާވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް އެކުލަވާލެވޭ ''ޖޮއިންޓް ވޯކިން ގްރޫޕް'' ގައި ހިމެނޭނީ ދެ ގައުމުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި އިގުތިސާދީ ދާއިރާތަކުގެ މަންދޫބުންނެވެ. މި ގްރޫޕުގެ މައިގަނޑު މަސައްކަތަކަށް ވާނީ ދެމެދުގައި އޮތް ވިޔަފާރީގެ އާ ފުރުސަތުތައް ދެނެގަތުމާއި، ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދިރާސާކުރުމުގެ އިތުރުން، ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށް ބޭނުންވާ ހުށަހެޅުންތައް އެކުލަވާލުމެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމުގައި ފަސޭހަކަން ގެނައުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި، އެއް ބަނދަރުން އަނެއް ބަނދަރަށް ކުރެވޭ ދަތުރުތައް އިތުރަށް ހަލުވިކޮށް ހަރުދަނާކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293