ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮ ސިޑްސް ގުޅިގެން ދޭ ހާއްސަ ހިލޭ އެހީއަކަށް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.
މިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަގުވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު "މޮބިލައިޒިން ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮ ސިޑްސް" މަތީ ފެންވަރުގެ ބައްދަލުވުމުގަ އެވެ.
މި އިވެންޓުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަމްޖަދު އަބްދުﷲ ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ހިދުމަތްތައް ތަރައްގީކުރުމާއި ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމެވެ.




