twitterviber whatsapp telegramfacebookyoutube instagram
18th November 2026

އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާނެ އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 18, 2026

އިސްލާމްދީނާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ގަބޫލުކުރާ ކަންކަމާއި ހިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭކަމަށާއި ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަމަށް ސަރުކާރުން މިހާތަނަށް ކުރަމުންދާ މަސައްކަތްތަކަށް، ރަސްމާލެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބައްލަވާލެއްވިއެވެ. އެގޮތުން، އެއީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުސަތެއް ނެތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއްކަމަށްވެސް ވިދާޅުވިއެވެ.

އަދި، އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަސައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫންކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިން ސައްތައެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ، އާބާދީގެ ނިސްބަތާއި އެރައްޔިތަކު ދިރިއުޅޭ ސަރަޙައްދަށް ނުބަލާ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުންކަމަށާއި އެހިދުމަތެއް ނުލިބިވާ ފަރާތްތަކަށް އެހިދުމަތް ޤާއިމްކޮށް، ހިދުމަތް އެއް ފެންވަރެއްގައި ފޯރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަން ޤާއިމްކުރުމާއެކު، އާބަން ސެންޓަރުތަކަކާއި އިންޓަރގްރޭޓެޑް ޒޯންތަކެއް ޤާއިމްކޮށް، އެސަރަޙައްދުތަކުން އެއަށްވުރެ ފެންވަރު ރަނގަޅު ހިދުމަތްލިބި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ފޯރުކޮށްދެވޭނެ އަސާސީ ހިދުމަތްތަކެއް ހުންނާނޭ ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ބޭންކިންގ، ފުލުހުންގެ ޚިދުމަތް، ކުނިމެނޭޖްކުރާ ނިޒާމު ފަދަ ޚިދުމަތްތައް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، އެފަދަ ހިދުމަތްތައް އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެކަމަށާއި އެއީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެފަދަ މަޝްރޫއުތަކަށް ދައުލަތުން ކުރާ ހަރަދަކީ ބޭކާރު ހަރަދެއް ނޫންކަމަށާއި އެފަދަ ކަންކަމަކީ ދެމެހެއްޓެނިވި ވިސްނުންގައި ކުރައްވާ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެއީ ސަރުކާރު ހިންގުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް އަމަލުކުރަމުން އައި އުސޫލުކަމަށާއި އަދި އެކަމުގައި ދެމިހުންނަވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293