ކުޅުދުއްފުއްޓާއި އުތުރުގެ ބައެއް ރަށްތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ވާނެ ކަމަށް ލަފާ ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެ އަށް ކުރަމުންދާ ދުންފުހުގެ އަސަރު ކުރިޔަށް އޮތް ތިން ދުވަހު ހާއްސަކޮށް އުތުރާ މެދުރާއްޖެ އަށް ބޮޑުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ލަފާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ބޮޑަށް ވައި ނުސާފުވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ވައި ނުސާފުވާ މިންވަރު ހުންނާނެ ކަމަށް ބެލެވެނީ 168 ގަ އެވެ.
އޭކިއުއައި މިންވަރު 151 އާއި 200 އާ ދެމެދު ހުރުމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑުވާނެ ކަމަށް ބެލެވޭ މިންވަރެވެ.
އެ ދެމެދުގައި ވައި ނުސާފުވާނެ ކަމަށް ދެން ބެލެވެނީ ށ. ފުނަދޫ އާއި މާލެ އާއި ވިލިމާލެ އަށެވެ.
ދ. ކުޑަހުވަދޫ އާއި ލ. ގަމާއި ފުވަމުލައް އަދި އައްޑޫގައި ވައި ނުސާފުވާ މިންވަރު ހުރީ 100 އަށް ވުރެ ދަށުގަ އެވެ. އެއީ މެދު މިންވަރެވެ. އެ ހާލަތުގައި ނުރައްކާ އޮންނާނީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް އެކަންޏެވެ.
އެޗްޕީއޭ އިން ބުނީ މިކަމާ ގުޅިގެން ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.




