އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ ބާޒާރުގައި 2.7 ބިލިއަން ރުފިޔާގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތަކުން އެނގޭ ގޮތުން އެ އަހަރުގެ ބަޖެޓަށް ފައިނޭންސިންގެ 14 ޕަސެންޓް ހޯދަން ކަނޑައަޅާފައިވަނީ ބޭރުގެ މާކެޓަށް ގޮސްގެން ބޮންޑެއް ނުވަތަ ސުކޫކެއް އިޝޫ ކޮށްގެންނެވެ.
ބޭރުގެ މާކެޓަށް ގޮސް ސުކޫކެއް ނުވަތަ ބޮންޑެއް އިޝޫކުރަން ބަޖެޓުގައި ހިމަނާފައިވާއިރު، 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން މި އަހަރު ވަނީ ދައްކައި ހަލާސްކޮށްފައެވެ. އެ ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ފައިސާ ހިމެނޭހެން ޖުމްލަ 524 މިލިއަން ޑޮލަރު އަދާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު އަހަރަށް ވާއިރު، މި އަހަރު ދަރަނި ދެއްކުމަށް އެކަނިވެސް ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭއިރު، އޭގެ 63 ޕަސެންޓް ނުވަތަ 11.9 ބިލިއަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވަނީ އެތެރޭގެ މާކެޓުންނެވެ. ޑޮމެސްޓިކް މާކެޓުން ހޯދާ ފައިސާގެ ބޮޑު ބަޔަކީ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކައިގެން ހޯދާ ފައިސާއެވެ.
މީގެ އިތުރުން، ބޭރުގެ މާލީ އިދާރާތަކާއި ގައުމުތައް މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާ ހޯދުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޕާޓްނަރުންގެ ކިބައިން ހޯދާ މި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމަށްވާ 1.8 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވަނީ "ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުން" ގެ އަތުންނެވެ. ނަމަވެސް، އެއީ ސީދާ ކޮން ފަރާތްތަކެއްކަން ބަޖެޓުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
މާލީ އިދާރާތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދެއް ހޯދުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން 368 މިލިއަން ރުފިޔާ އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް 324 މިލިއަން ރުފިޔާއެވެ.