ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ގީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ބައިވެރިވާ މި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނީ "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުންނެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ޤައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ.
"ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުޞޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ކޮންފަރެންސްގެ މަޝްވަރާތަކާއި ޙައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން.
- ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން.
- އިޖުތިމާޢީ އަދި އިގްތިސާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުސަތުތައް.
- ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން.
- ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް.
- މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން.
ޔޫތު މިނިސްޓްރީން ބުނީ، މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓުނަރަކީ އުރީދޫ މޯލްޑިވްސް ކަމަށެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސްގައި ސްޓޭކް ހޯލްޑަރުން ގޮތުގައި ބައިވެރިވާނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑުރަގު އެޖެންސީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް އެންޑޯމެންޓްސް، މޯލްޑިވްސް ޕޮލިސް ސާރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުއެވެ.މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ.
މީގެ ތެރޭގައި ހިމެނެނީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުން، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މަައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތައް ބަލައިގަތުން ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.