ރާއްޖެ އަށް ހިލަ ލިބުން ދަތިވުމާ ގުޅިގެން ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މުއްތަލިބް މިހެން ވިދާޅުވީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް މިވަގުތު ހުއްޓިފައި ހުރީ ހިލަ ލިބުން ދަތިވެގެނެވެ. އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގައި މިވަގުތު ހިނގަމުންދާ ހަނގުރާމަތަކާ ހެދި ކުރިމަތިވެފައިވާ ދަތިތައް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"މެންބަރުންގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މި އުޅެނީ،" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި އެ ދަތިތަކާއެކު ވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ސަރުކާރުން ކުރެ އެވެ.
ރާއްޖެ އަށް ހިލަ ލިބުމުން ވަރަށް ގިނަ މަޝްރޫއުތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.




