ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއާން ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތް ބާއްވާނީ އަންނަ އޭޕްރީލް މަހު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. ޝަޙީމް ވިދާޅުވީ އެ މުބާރާތަކީ އެ މިނިސްޓްރީއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ މުބާރާތެއް ކަމަށެވެ.
އެ މުބާރާތުގެ ކަންކަން ފައިނަލް ކުރުމަށްޓަކައި ސަޢުދީ ޢަރަބއިްޔާގެ އިސްލާމިކް މިނިސްޓްރީގެ ހާއްސަ މަންދޫބެއް އިއްޔެ ރާއްޖެ އައިސް މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ ފައިނަލް ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. ރާއްޖޭގައި ބާއްވާ އެ މުބާރާތަށް ހަރަދުކުރަނީ ސަޢުދީ ސަރުކާރުންކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
2027 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މި މުބާރާތުގައި ސައުތު އޭޝިއާގެ ގައުމުތަކުން ބައިވެރިން ވާދަކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެއީ ގުރުއާން ހިފްޒުކުރާ ބައިވެރިން އެއް ތަނަަަކަށް ޖަމާވެ، ދާއިރާ ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މި މުބާރާތުގެ ސަބަބުން އިސްލާމީ ތައުލީމުގެ ދާއިރާ ވަރުގަދަވެ ސަރަހައްދީ ގުޅުން ވެސް ވަރުގަދަވާނެ ކަމަށާއި، ގުރުއާނުގެ ތައުލީމު ކުރިއެރުވުމާއި ހާފިޒުންގެ ޖީލެއް ބިނާކުރުމަށް ބާއްވާ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް އުއްމީދު ކުރައްވާ ކަަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ގުރުއާން ހިތުދަސް 300 އަށް ވުރެ ގިނަ ހާފިޒުން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ.