ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން، ކުޅުދުއްފުށީ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ކްރޮސް ސްޓިޗިންގ ކޯހެއް ރޭ ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ، މިއީ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށްދީ، އަތުން ތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
ކޯސް ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ކްރޮސް ސްޓިޗިންގ ކިޓްތައް ވަނީ ހަވާލުކޮށްފައެވެ.
އާމްދަނީއެއް ހޯދުމަށް އެއްވެސް ވަޒީފާއެއް އަދި މަސައްކަތެއް ނުކުރާ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކޯހުގައި އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އަށަގެންނެވުމާއި، އަމިއްލަ ނަފްސަށް ބަރޯސާވާ ބަޔަކަށް ވުމަށް ހިތްވަރު ދިނުން މި ކޯހުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ރަސްމީކޮށް މި ކޯސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކައުންސިލަރު ސަލްމާ މުހައްމަދެވެ.
ކުޅުދުއްފުށީގެ އަންހެނުންނަށްޓަކައި އަމިއްލައަށް އިސްނަންގައިގެން މިފަދަ ބޭނުންތެރި ކޯހެއް ކުރިއަށްގެންދާތީ، އަބުޑީ މޯލްޑިވްސްގެ މަސްއޫލުވެރިޔާ އާމިނަތު ޝިހާނާއަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.