ސަރުކާރުގެ މުވައްޒަފުން ސިޔާސީ ޖަލްސާތަކަށް ދިޔުމާއި ޕާޓީތަކަށް ވެއްދުން މަޖުބޫރު ކުރުމަކީ ކުށަކަށް ހެދުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވަޒީފާ އާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ ބިލު ހުށަހެޅި ސަބަބެއް ކަމުގައި އޭނާ ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ މީހެއްގެ އަމިއްލަ އިހްތިޔާރުގައި ނިންމަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ވެރިން މުވައްޒަފުންނަށް ވަކި ޕާޓީއަކަށް ސޮއި ކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބާރު އަޅައި ފިއްތުންތައް ކުރިމަތި ކުރުވުމުގެ ފުރުސަތު އޮންނަ ކަމަށާއި އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެހެންވެ އޭނާ ހުށަހެޅުއްވީ ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކު ދެ ކަމެއް ކުރުން މަނާ ކުރުމަށެވެ.
އެއް ކަމަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ނުވަތަ ޕާޓީއެއްގެ މެންބަރަކަށްވުމަށް ފޯމެއްގައި ސޮއި ކުރަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަޖުބޫރު ކުރުވުމެވެ.
ދެވަނަ ކަމަކީ ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވުމަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އެއްވެސް މުވައްޒަފަކަށް މަޖުބޫރު ކުރުވުމެވެ.
އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ގާނޫނުލްއުގޫބާތުގެ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ކުރީ ކުންފުނީގެ އިސް މީހެއް ނަމަ އެ ކުރެވުނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.