twitterviber whatsapp telegramfacebookyoutube instagram
23rd November 2026

ސަރުކާރުން ދޭ ފްލެޓާއި ގޯއްޗަށް ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ ގޮތަށް ގާނޫނަށް އިސްލާހެއް

Nov 23, 2026

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާޜުން ދޫކުރާ ފްލެޓާއި ގޯއްޗަށް ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ ގޮތް ހަދަން ރައްޔިތުންގެ މަޖިލހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އާއިލާ އާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) އެވެ.

ބިލު ހުށަހެޅި ސަބަބެއް ކަމުގައި ކުޑޫ ވިދާޅުވެފައި ވަނީ ސަރުކާރުން ފްލެޓާއި ގޯތި ދޭއިރު ކައިވެނި ކޮށްގެން އުޅުމާއި ދަރިން ތިބި އަދަދަކީ ޝަރުތު ހަމަވުމަށް ޕޮއިންޓު ދިނުމުގައި ބަލާ ކަމަކަށް ވާއިރު ފްލެޓަށް ލެވެނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށެވެ.

ބޯހިޔާވެހިކަމުގެ ސްކީމްތައް ފަރުމާކޮށްފައި އޮންނަނީ ވަކި މީހަކަށް ދޭ އެއްޗެއްގެ ބަދަލުގައި އާއިލާއަކަށް ލިބޭ ބޯހިޔާވެހިކަމެއް ގޮތުގައި ކަމަށާއި ނަމަވެސް ރެޖިސްޓްރީ ކުރެވެނީ ކޮންމްވެސް އެކެއްގެ ނަން މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން އޮތުމުން ދެމަފިރިން ވަކިވެއްޖެ ހާލަތެއްގައި ފްލެޓަކީ އޭގެ ތެރެއިން އެކަކުގެ މުދަލަކަށް ވާ ކަމަށާއި އޭގެ ސަބަބުން މުޅި އާއިލާ އަށް ނިކަމެތިކަން ލިބިގެންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެންކަމުން ކުޑޫ ހުށަހެޅުއްވީ އާއިލާ އާ ބެހޭ ގާނޫނުގެ 38 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

އެ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓް ނުވަތަ ބިމަކީ ކައިވެނި ކޮށްގެން ތިބި މުއްދަތުގައި ލިބުނު ތަނެއް ނަމަ އެކެއްގެ ނަމުގައި އޮތަސް ބަލާނީ އެއީ އާއިލާ އަށް ލިބިފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި އެތަނަށް ދެމަފިރިންގެ ހައްގު ހަމަހަމަކޮށް ހިނގާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293