ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ރޭ ފުރާވަޑައިގެންފި އެވެ.
އޭނަގެ މި ދަތުރަކީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓަކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
އެ ފޯރަމްގައި ހީނާ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހު އެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީމިއީ ދޭދޭ ގައުމުތަކުގެ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާ އާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި ސަގާފީ ދާއިރާގެ މާހިރުންނާއި އިލްމީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ފޯރަމެއް ކަމަށެވެ.
މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް ތިން ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ ހަ ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ޖޮއިންޓް ސެޝަންގައި ވެސް ހީނާ ވާހަކަ ދައްކަވަން ހަމަޖެހިފައިވެ އެވެ.




