ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި ތައުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތައާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުޑަކުދިންނަށް ތައުލީމު ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ތައުލީމުގެ ގާނޫނަށް ޖުމްލަ 42 އިސްލާހެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.
މި ބިލް ހުށަހެޅުމުގެ އެއް މައިގަނޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، އެކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް "ހޯމް ސްކޫލިން" ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް މި ބިލްގައި ވަނީ ހުށަހަޅައިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔެވުމުގެ ޝަރުތުތަކާއި އުސޫލުތައްވެސް ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މަދަރުސީ ތައުލީމީ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އެހެނިހެން އިސްލާހުތައްވެސް މި ބިލްގައި ހިމެނެއެވެ.
މި ބިލަށް ގިނަ އިސްލާހުތައް ހުށަހަޅާފައިވާއިރު، ތައުލީމު ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) އަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ކުއްޖާގެ އުމުރުގެ ވީހާވެސް ޅަފަތުގައި، ކުއްޖާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އެހެން ކުދިންނާ ތަފާތުކުރުމެއްނެތި އެކުއްޖާއަށްވެސް އެންމެ ރަނގަޅު ފެންވަރަށް ތައުލީމު ހާސިލުކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ޤާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އުސޫލުތައް ނަގަހައްޓައި، ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމުތައް ބަޔާންކުރުމަށްވެސް މި އިސްލާހުގައި ހިމެނެއެވެ.
ތައުލީމް ގާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާއެއްގައި "ހޯމް ސްކޫލިން" ތައާރަފްކޮށް، މި މާއްދާގައި ބަޔާންކޮށްފައިވަނީ ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި ހޯމް ސްކޫލިން ޕްރޮގްރާމްގެ ދަށުން މަދަރުސީ ތައުލީމު ފުރިހަމަކުރެވިދާނެ ކަމަށެވެ. އެގޮތުން ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވުން ހިމެނެއެވެ. ހޯމް ސްކޫލިންގެ ދަށުން ތައުލީމު ފޯރުކޮށްދެވޭނެ ޝަރުތުތައްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ހަމައެއާއެކު ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އަށް އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، ސްކޫލަށްދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދިނުމަށެވެ.
މީގެއިތުރުން އެ ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް ތިން އަކުރު އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. މި އަކުރުތަކުގެ ދަށުން:
1- (ބ) މުދައްރިސުންނާއި ސްކޫލުގެ އިސްފަރާތްތަކަށް އަދި ބޮޑެތި މީހުންނަށް އިހްތިރާމްކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުން.
2- (ޅ) ސްކޫލް މާހައުލުގެ އަމާންކަން ގެއްލޭފަދަ ކަމެއް ނުވަތަ ސްކޫލް ބަންދުކޮށް ކިޔެވުން ހުއްޓާލަންޖެހޭ ފަދަ ކަމެއްގައި ބައިވެރިނުވުމާއި އެފަދަ ކަމަކަށް ހިތްވަރުލިބޭފަދަ ކަމެއް ނުކުރުން.
3- (ކ) މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކުދިން އަހުލުވެރިކޮށް އެގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ބާރުއެޅުން.
ގާނޫނުގެ 23 ވަނަ މާއްދާގެ (ޅ) އަށް އަށް ހުށަހެޅި އިސްލާހަކީ، ސްކޫލްގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމެވެ. މިއީ ކުދިންގެ ކިޔެވުމަށް ސިއްހީ ގޮތުން ލިބޭ އެހީތެރިކަމެއްގެ އިތުރުން އިޖްތިމާއީ ގޮތުންވެސް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މި އިސްލާޙުތަކަކީ ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮންމެ ކުއްޖަކަށްވެސް ތައުލީމު ހާސިލުކުރުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.




