ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަތައް ފެންމަތިވެފައިވަނީ ދެކުނުގެ ސަރަހައްދުގެ ރަށަކުން ކުޑަކުދިންނަށާއި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދެ ޓީޗަރުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރިކަމުގެ ދެ މައްސަލައެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ސައުތު ސެންޓްރަލް ޕޮލިސް ދާއިރާގައި ހިމެނޭ ރަށެއްގައި، ސްކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ އެއް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހު 11 ވަނަ ދުވަހެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށްފަހު، މިމަހު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ހަމަ އެރަށު ސްކޫލުގައި އުޅޭ އެހެން ޓީޗަރަކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މިމަހު 17 ވަނަ ދުވަހެވެ ފުލުހުން ވިދާޅުވީ މި ޓީޗަރު ޖިންސީ ގޯނާކޮށްފައިވަނީ 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށް ކަމަށާއި މި މައްސަލައާ ގުޅިގެން މިމަހު 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެމައްސަލަ ވެސް ފުލުހުން ދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.