twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ވިއްސާރާގައި ކުޅުދުއްފުށިން ގެއްލުންވި ގޭބިސީތަކުގެ އަދަދު 140 އަށް އަރައިފި

އަބްދުލް ވާހިދު ޙަސަން
Oct 23, 2026

ހުއްޓުމެއް ނެތި ކުޅުދުއްފުއްޓަށް ވެހުނު ބޯ ވާރޭގައި ފެންވަދެ ގެއްލުން ލިބުނު ގޭބިސީތަކުގެ އަދަދު 140 އަށްވުރެ މަތިވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަށް 10:15 އެހާއިރު ބޯވާރޭވެހެން ފެށިގޮތަށް ހުއްޓާލީ ހުކުރުދުވަހުގެ ހެނދުނު 8:30 އެހާއިރު އެވެ.

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ފެންވަދެ ގެއްލުންވެ ރިޕޯޓްކުރި ގޭބިސީތަކުގެ އަދަދު 140 އަށްވުރެ މަތިވެފައިވާ ކަމަށެވެ.

ބޯވާރޭވެހޭނެތީ ދަންވަރު ރީނދޫ ސަމާލު ނެރުމަށްފަހު މެންދަމު އޮރެންޖް އިންޒާރުވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީ، މުއައްސަސާތައް ގުޅިގެން ރޭ ދަންވަރު ގާތްގަނޑަށް އެކެއް ޖެހީންސުރެ ފެންހިއްކުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 7 ޕަމްޕެއް ބަހައްޓައިގެން ފެން ހިއްކަމުންދާއިރު ބޯޒިޔާރާތް ސަރަހައްދުން ފެން ބޭރުކުރުމަށް މޫދަށް ތިން ކޯރެއްވެސް ކަނޑާފައިވާ ކަމަށެވެ.

އާދަޔާ ހިލާފު ބޯކޮށް ވެހުނު ވާރެއެއްކަން ފާހަގަކޮށް ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެހެން ފަހަރުތަކުގައި ފެން ބޮޑުނުވާ ސަރަހައްދުތަކުގައިވެސް މިފަހަރު ފެންބޮޑުވި ކަމަށެވެ. އެގޮތުން ރަށުގެ މެދުތެރެ ހިމެނޭ ސަރަހައްދުގެ ގޭބިސީތަކަށްވެސް ފެނުގެ އަސަރުކޮށްގެން ކައުންސިލަށް ރިޕޯޓްކޮށްފައިވެ އެވެ.

ސިޓީ ކައުންސިލުން ގެތަކުގެ ހާލަތު ވަޒަންކުރަމުގެ މަސައްކަތްކުރަމުންދާއިރު ވިއްސާރަރައިގައި ގެއްލުންވި ފަރާތްތަކުން ރިޕޯޓްކުރުމަށް ވަގުތީގޮތުން ހޮޓްލައިންއެއް ވަނީ ގާއިމުކޮށްފައިވެ އެވެ. ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ 6527211 ނަމްބަރާ ގުޅައި ރިޕޯޓްކުރުމަށް އެދެ އެވެ.

އަދި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ލިބިފައިވާ ގެއްލުންތަކުގެ ސާފު ފޮޓޯ ނެގުމަށްފަހު ސިޓީ ކުލުނު ވައިބާ (7221621) އަށް ހިއްސާކުރަންވެސް ކައުންސިލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293