ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅު އޮތީ މިރޭ 19:00 އާ ހަމައަށް ރީނދޫ ސަމާލުގަ އެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކި ފަހަރު މަތިން ކުޅުދުއްފުއްޓަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މިއަދު ވަނީ ބައެއް ސަރަހައްދުތަކުގައި ޕަމްޕް ޖަހައިގެން ފެން ހިއްކަން ފަށާފަ އެވެ.
މެޓް އޮފީސް އިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ނޮވެމްބަރު 7، އިން ފެށިގެން ނޮވެމްބަރު 11، އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.




