ޕޯސްޓް މެދުވެރިކޮށް އަދި ކޫރިއާ މެދުވެރިކޮށް، ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ޕޯސްޓް މެދުވެރިކޮށް އަތުލައިގަތީ 2.1 ކިލޯގެ ސިންތެޓިކް ކެތިނޯން ކަމަށެވެ. އަދި ކޫރިއާ މެދުވެރިކޮށް އަތުލައިގަތީ ވެސް އެއް ކިލޯގެ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމުން ބުންޏެވެ. މި ވައްތަރަކީ ޕާޓީ ޑްރަގްގެ ގޮތުގައި ބޭނުންކުރާ މަސްތުވާތަކެއްޗެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.




