އަންނަ މަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރޭ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެނައުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެގޮތުން ބީއެމްއެލް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީ އާ ގުޅިގެން ފަހިކޮށްދޭ މި ފުރުސަތުގެ ދަށުން، އަންނަ މަހުގެ އެކަކުން ފެށިގެން، ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ބައިނަލްއަޤްވާމީ ބާޒާރުގަ މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ގޮތަށް ޑޮލަރުން ލިބޭ ފައިސާ ބޭނުންކޮށްގެން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގެ މަގު ވެސް ތަނަވަސްވެގެންދާނެ ކަމަށެވެ. ރައީސް ފާހަގަކުރެއްވިއެވެ.
"ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ގޮތްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
އެފަދަ ވިޔަފާރިތަކުން ބޭނުންކުރާ އެކިއެކި ޚިދުމަތްތަކަށް ދައްކަން ޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް އެއްވެސް ދަތިކަމެއް ނެތި ދެއްކޭނެ އިންތިޒާމު ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖެހިގެން ދާނެ އެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް، ޖެނުއަރީ 1، 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ ސުން ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ. ހަމަމިއާއެކު، ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން އެމަނިކުފާނު އިޢުލާން ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ލުއިތައް ދެވިގެން ދިޔުމުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ (އެމްއެސްއެމްއީ) ދާއިރާގައި މަސައްކަތްކުރާ އެތައް ފަރާތްތަކަކަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލު ލިބި، މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާމެ ކަމަށެވެ.