twitterviber whatsapp telegramfacebookyoutube instagram
27th October 2026

ގަތުލުއާންމާއި އެކަމަށް ގޮވާލުން ކުށަކަށް ހަދަނީ

ނަބީލާ އިސްމާޢީލް
Oct 27, 2026

ގަތުލްއާންމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މިއަދު އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ރިފާއު ހުށަހެޅުއްވި ބިލްގައި ގަތުލުއާންމުގެ ނަމުގައި ބާބެއް ވަނީ ހިމަނައިފައެވެ.

އޭގައިވާ ގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އަމަލުތަކެއް ކުރާ ނަމަ، އެމީހަކު އެ ކުރަނީ ކުށެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން.

2- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން.

3- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން.

4- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުން.

5- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.

އެ އަމަލުތައް ކުރުމުގެ އިތުރުން އެކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.

މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ.

މި މާއްދާގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާއެއް ނޫން ކަމަށް ބިލުގައިވެއެވެ. ބިލްގައިވާ ގޮތުން ކުށްކުރީ ދައުލަތުގެ ވެރިއެއް ނުވަތަ ދައުލަތުގެ މުވައްޒަފެއް ނުވަތަ އާންމު ފަރުދެއް ކަމަށްވުމަކީ ނުވަތަ ކުށްކުރީ ހަނގުރާމައިގެ ހާލަތުގައި ނުވަތަ އެ ނޫން ހާލަތެއްގައި ކަމަށްވުމަކީ ބަޔާންކޮށްފައިވާ ކުށް މީހަކު ކުރިކަން ކަނޑައެޅުމުގައި ރިއާޔަތް ކުރެވިގެންވާނެ ނުވަތަ އެކަމަށް އަސަރުކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބިލްގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293