twitterviber whatsapp telegramfacebookyoutube instagram
27th October 2026

އިގްތިސާދަށް ގެއްލުން ހުރި އަމަލެއް ކުރުމަކީ ޖިނާއީ ކުށަކަށް ހަދަނީ

Oct 27, 2026

ދައުލަތަށް ހިޔާނާތްތެރިވުމާއި އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ހުރި އަމަލެއް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބަތަށް އިސްލާހު ގެނައުމުގެ ބިލެއް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ގެނައުމުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ މިހާރު ނެރެފައިވާ އިރު، މި ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިއުން އިއްވުން އޮންނާނެއެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖެއިން ކަނޑައަޅާފައިވާ ގަތުލުއާންމު ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެ ކުށުގެ އަދަބު ބަޔާން ކުރުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

އަދި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމާއި ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ހުރި އަމަލެއް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް ބިލްގެ މަގްސަދެކެވެ. އިސްލާމް ދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ބިލް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ދިނުމުގެ ކުށުގެ ނަމުގައި ގާނޫނުލްއުގޫބަށް ބާބެއް އިތުރު ކުރަން ބިލްގައި ހިމަނާފައިވެއެވެ.

އޭގައިވާ ގޮތުން، ދައުލަތުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ، ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމުގެ ފަރުވާލެއް ނެތި، ގަސްދުގައި ހަތަރު ކަމެއް ކުރާ ނަމަ، އެ ކުރަނީ ކުށެކެވެ. އެއީ މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމަަކަށް ގެއްލުންދިނުމާއި އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ސިސްޓަމަކަށް ހުރަސްއެޅުމާއި އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެެއް ކުރުމާއި އެ އަމަލެއްގެ ސަަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގްތިސާދަށް ލިބުމެވެ.

ބިލްގައިވާ ގޮތުން، މި ހަތަރު ކަންތައްތަކުގެ ތެރެއިން ކަމެއް ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ކުރި ކަމުގައިވާ ނަމަ، އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލްގައިވެއެވެ.

ރިފާއު ހުށަހެޅުއްވި ބިލްގައި ދައުލަތަށް ހިޔާނަތްތެރިވުމުގެ ނަމުގައި ބާބެއް ވަނީ ހިމަނައިފައެވެ.

އޭގައިވާ ގޮތުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތަކާ ބައިވެރިވުމާއި ރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ އެފަދަ ފަރާތަކަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެހީތެރިވުމަކީ ހިޔާނާތްތެރިވުމުގެ ކުށެކެވެ. މިއީ ޖިނާޔަތުގެ ދަރަޖައިގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށްތައް ދިވެހި ރައްޔިތެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމީހަކު ދުވަހަކު ވެސް ދިވެހި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އައްޔަން ނުކުރެވޭނެ ކަމަށް ބިލްގައިވެއެވެ.

އިސްލާމް ދީނާ ދެކޮޅު އަމަލުތަކުގެ އަދަބު ބޮޑުކުރުމަށް ގަތުލުއާންމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް ބާބެއް އިތުރުކުރަން ވެސް ބިލްގައި ހިމަނާފައިވެއެވެ.

ރިފާއުގެ ބިލްގައިވަނީ ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އަމަލުތަކެއް ކުރާ ނަމަ، އެމީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

އެ ކުށްތަކުގެ ތެރޭގައި ހިމެނެނީ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމާއި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް، ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުމާއި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމާއި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުމެވެ. މީގައި ހިމެނޭ ކުށްތައް ކުރުމަށް ސީދާ ގޮތެއްގައި އަދި ފާޅުގައި ގޮވާލުމަކީ ކުށެއް ކަމަށް ވެސް ބިލްގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293