twitterviber whatsapp telegramfacebookyoutube instagram
25th September 2026

ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިޒުއާން، އިނާން އަދި ޒީކްއަށް

ނަބީލާ އިސްމާޢީލް
Sep 25, 2026

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ އިސްމާއިލް އިޒުއާން އިބްރާހިމް، އާޔަން އަހުމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒް ހާސިލްކޮށްފިއެވެ.

ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެއްވަނައަށްދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރޭ އޮތް ރަސްމިއްޔާތުގައި ހާފިޒުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްމާއިލް އިޒުއާން އިބްރާހިމެވެ. އަދި ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާޔަން އަހުމަދު އިނާން ހާސިލްކޮށްފައިވާއިރު، ނުބަލައި ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އާއިޝަތު ޒީކް ރިޔާޒެވެ.

މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ފިލަޔާއި އެމަނިކުފާނު ދެއްވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ބޭރު ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ ސްކޮލާޝިޕެވެ.

މީގެ އިތުރުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުންދޭ އުމްރާ ދަތުރު ހިމެނެއެވެ.

މިރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާކިޔެވުމުގެ ގޮފިން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގެ އޮޑިޝަނުގައި ޖުމްލަ 3،050 ދަރިވަކު ވަނީ ބައިވެރިވެފައިވާއިރު އޮޑިޝަނުގައި ކިޔަވާފައިވަނީ 2،742 ދަރިވަރުންނެވެ. އަދި މުބާރާތުގެ ފައިނަލަށް 140 ދަރިވަރަކު ދަތުރުކުރި ނަމަވެސް އެކި އެކި ސަބަބުތަކާހުރެ ފައިނަލުގައި ކިޔަވާފައިވަނީ 138 ދަރިވަރުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293