ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމާއެކު ކެނަލް ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ކެނަލް ސްޕޯޓްސް ބީޗް ވޮލީބޯޅަ މުބާރާތް 2026"ގެ ފިރިހެން ޗެމްޕިއަންކަން އޯޝަން ސްޕޯޓްސް ކުލަބުން އަދި އަންހެން ޗެމްޕިއަންކަން ބީޗް ކުއީންސްއިން ހޯދައިފި އެވެ.
18 އަހަރުން މަތީގެ ދިވެހިން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން، ކުޅިވަރުގެ ރޫހު އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މިމުބާރާތުގެ ފައިނަލް މެޗުތައް މިއަދު ވަނީ ކުޅެވިފަ އެވެ. އެގޮތުން މިއަދުގެ ފިރިހެން ފައިނަލުގައި ފެންފޯއްގެ މައްޗަށް އޯޝަން ސްޕޯޓްސް ކުލަބުން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އަދި ދެ ސެޓު އެއް ސެޓުން ޓީމް ސްޕައިކާސް ބަލިކޮށް އަންހެން ޗެމްޕިއަންކަން ހޯދީ ބީޗް ކުއީންސް އެވެ.
ދެމެޗުގައި ވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މުޅި މުބާރާތް ވެސް ވެގެންގޮސްފައިވަނީ ކާމިޔާބު މުބާރާތަކަށެވެ. މިއީ ކެނަލް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ވޮލީބޯޅައިގެ ފުރަތަމަ މުބާރާތްކަން ވެސް ފާހަގަކޮށްލެވެ އެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ދެވަނަ ރަނަރަޕްކަން ހޯދާފައިވަނީ ނޯވާއިންނެވެ. ޗެމްޕިއަންކަން ބީޗް ކުއީންސްއިން ހޯދިއިރު ރަނަރަޕަކީ ޓީމް ސްޕައިކާސް އެވެ. ޓީމް ވައިކަރަދޫއިން ފިރިހެން ޑިވިޝަނުގެ ދެވަނަ ރަނަރަޕްކަން ހޯދިއިރު ޗެމްޕިއަންކަން ލިބުނީ އޯޝަން ސްޕޯޓްސް ކުލަބަށެވެ. އަދި ރަނަރަޕްކަން ލިބުނީ ފެންފޯއް ޓީމަށެވެ.
މި މުބާރާތުގެ ދެ ޑިވިޝަނުންވެސް އެންމެ މޮޅު ވަނަތަކަށް ހޮވޭ ޓީމުތަކަށް ވަނީ ފައިސާގެ އިނާމުތައް ދީފާވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. ރަނަރަޕް ޓީމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު މުބާރާތުގެ ތިންވަނައަށް ހޮވުނު ޓީމުތަކަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.




