twitterviber whatsapp telegramfacebookyoutube instagram
17th October 2026

ރާއްޖޭގައި ބާއްވާ ފުރަތަމަ ފާސްޓް 5 ނެޓްބޯޅަ މުބާރާތް ކުޅުދުއްފުށީގައި، ބައިވެރިވުމަށް ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Oct 17, 2026

ދިވެހިރާއްޖޭގައި މުޅިން އަލަށް ބާއްވާ ފުރަތަމަ ފާސްޓް 5 ނެޓްބޯޅަ މުބާރާތް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުބާރާތް ބާއްވާ އިންފިނިޓީ އެކަޑަމީން ހުޅުވާލައިފި އެވެ.

އިންފިނިޓީ އެކަޑަމީ ކުޅުދުއްފުށީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ނަމަކީ "އިންފިނިޓީ ފާސްޓް ފައިވް ނެޓްބޯޅަ ޓޯރނަމެންޓް 2026" އެވެ. މިއީ ދިވެހިރާއްޖޭގެ ނެޓްބޯޅައިގެ ތާރީހުގައި މިފަދަ ފޯމެޓަކަށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. އަދި ރެޖިސްޓްރީވުމުގެ ފުރުސަތު 2026 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އިންފިނިޓީ އެކަޑަމީ ކުރިއަށް ނެރުމާއި، ކުޅިވަރުގެ ރޫހާ އެއްގޮތަށް ނެޓްބޯޅަ ކުރިއަށް ގެންދިއުމާއި، ނެޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އެކުވެރިކަން އާލާކުރުމާއި، އަންހެން ކުދިންނާއި އަންހެންބޭފުޅުންނަށް ކުޅިވަރުގެ ތެރެއިން ފުރުސަތު ހޯދައިދިނުން ކަމަށް އިންފިނިޓީ އެކަޑަމީން ބުނެފައިވެ އެވެ.

އަދި ފާސްޓް 5 ނެޓްބޯޅައިގެ ވާދަވެރިކަމާއި ރޫހު ދެމެހެއްޓުމާއިއެކު ޤައުމީ ފެންވަރުގައި ވާދަކުރާނޭ ކުޅުންތެރިން އުފެއްދުމަކީވެސް މި މުބާރާތުގެ މުހިންމު މަގްސަދެކެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓުގަ އެވެ. މި މުބާރާތަކީ 15 އަހަރުން މަތީގެ އަންހެން ކުދިންނަށާއި އަންހެންބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގެ ގަވާއިދު

މުބާރާތުގައި ޓީމުތައް ބައިވެރިކުރުމާއި ޓީމު އެކުލަވާލުމުގެ ޤަވާއިދުތަކަށް ބަލާއިރު، ކޮންމެ ޓީމެއްގައި ގިނަވެގެން ހިމެނޭނީ 8 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ. އަދި މަދުވެގެން 5 ކުޅުންތެރިންނާއި 1 އޮފިޝަލް ހިމަނަންޖެހެ އެވެ. ޓީމު ލިސްޓު ހުށަހެޅުމަށްފަހު އިތުރު ކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ނުހިމެނޭނެ އެވެ. އެއް ޓީމަށްވުރެ ގިނަ ޓީމު ލިސްޓެއްގައި އެއް ކުޅުންތެރިއެއްގެ ނަން ހިމެނިގެން ނުވާނެ އެވެ.

މެޗުތަކުގެ ވަގުތާއި ކުޅޭގޮތުގެ އޮނިގަނޑަށް ބަލާއިރު, މެޗެއްގެ މައިގަނޑު ވަގުތަކީ 24 މިނެޓެވެ. އެއީ ކޮންމެ ކުއާޓާއެއްގައި 6 މިނެޓެވެ. ފުރަތަމަ ކުއާޓާއަށްފަހު 2 މިނެޓުގެ ބްރޭކެއް ލިބޭއިރު, ދެވަނަ ކުއާޓާއަށްފަހު ލިބޭނީ 4 މިނެޓުގެ ބްރޭކެކެވެ. އަދި ތިންވަނަ ކުއާޓާއަށްފަހު ލިބޭނީ 2 މިނެޓުގެ ބްރޭކެކެވެ. މެޗަކުން މޮޅުވާ ޓީމަކަށް 3 ޕޮއިންޓް ލިބޭއިރު, އެއްވަރުވާ ޓީމުތަކަށް ލިބޭނީ 1 ޕޮއިންޓެވެ. މެޗުން ބަލިވާ ޓީމަކަށް ޕޮއިންޓެއް ނުލިބޭނެ އެވެ.

އެއް ޓީމަށްވުރެ ގިނަ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލާނީ ކުރިން ކުޅެފަހުރި މެޗުތަކުގެ ޝޫޓަށެވެ. އެގޮތުންވެސް އެއްވަރުވެއްޖެނަމަ ބަލާނީ މުބާރާތުގައި ކުޅެފައިވާ މެޗުތަކުގެ ޝޫޓުގެ ތަފާތަށެވެ. އެއިންވެސް އެއްވަރުވެއްޖެނަމަ އެއްވަރުވާ ޓީމުތަކުގެ މެދުގައި 6 މިނެޓުގެ 2 ހާފު ކުޅޭނެ އެވެ. ގަޑި ހަމަވިއިރު 2 ޓީމު އެއްވަރުވާނަމަ 1 ޝޫޓުގެ ތަފާތުން 1 ޓީމު މޮޅުވަންދެން ކުޅޭނެއެވެ. ސެމީ ފައިނަލް އަދި ފައިނަލް މެޗުގެ ވަގުތު ހަމަވާއިރު 2 ޓީމު އެއްވަރުވެފައިވާނަމަ 6 މިނެޓުގެ 2 ކުއާޓަރު ކުޅޭނެ އެވެ. މިގޮތުންވެސް އެއްވަރުވެފައިވާނަމަ 2 ޝޫޓުގެ ތަފާތުން 1 ޓީމު މޮޅުވަންދެން ކުޅޭނެ އެވެ. ގުދުރަތީ ކާރިސާއެއް ދިމާވެގެން މެޗެއް ހުއްޓާލަން ޖެހިއްޖެނަމަ އެ މެޗެއް އަލުން ކުޅޭނެ އެވެ. މެޗު ކުޅެވޭ ތަރުތީބު ނިންމާނީ ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ވަނީ އިނާމު ދިނުމަށް ހަމަޖެހިފަ އެވެ. އެގޮތުން އިނާމުތަކުގެ ތެރޭގައި, ޗެމްޕިއަން ޓީމަށް މެޑަލް އަދި ޗެމްޕިއަން ޓްރޮފީ ހިމެނެ އެވެ. ރަނަރަޕް ޓީމަށް މެޑަލް އަދި ޓްރޮފީ ލިބޭނެ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ރަނަރއަޕް/ޗެމްޕިއަން)، މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ (ޕްރޮމިސިންގ ޕްލޭޔަރ)، މުބާރާތުގެ އެންމެ މޮޅު ކޯޗު، ފެއަރޕްލޭ ޓީމު، އަދި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ ޕްރޮމިސިންގ ޕްލޭޔަރ ކަނޑައެޅުމުގައި ބަލާނީ މަދުވެގެން 2 މެޗު ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293