ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށްގެންދިޔަ ކުޅުދުއްފުށި ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަނުގެ ތަށި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް (ޒެޑްވައިއެލް)އިން ހޯދިއިރު އަންހެން ތަށި ޔުނީކް ފްރެންޑްސްއިން ހިއްލާލައިފި އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ޔުނީކް ފްރެންޑްސް އާއި ޓީމް ފައިވް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނީކް ފްރެންޑްސް އެވެ. މުޅި މުބާރާތުގައި ވެސް އަދި ފައިނަލް މެޗުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް މޮޅު އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މުޅި މުބާރާތުގައި ޔުނީކް ފްރެންޑްސްގެ އާމިނަތު ސަހްލާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ފައިނަލް މެޗުގައި އެޓީމުގެ ޝަމްސުއްނިސާގެ ކުޅުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރެވުނެވެ.
މީގެއިތުރުން ފައިވްގެ އާމިނަތު ލައުޒާއާއި މުޒްނާގެ މޮޅު ކުޅުން ވެސް މުޅި މުބާރާތުގައި ފާހަގަވެގެންދިޔަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔުނީކް ފްރެންޑްސްގެ ޝަމްސުއްނިސާ ހުސެއިން ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ އާމިނަތު ސަހްލާ އެވެ. އަންހެން ޑިވިޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ފައިވްގެ އާމިނަތު ލައުޒާ ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ފައިވްގެ އައިޝަތު އަމަތުﷲ އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު ޔުނީކް ފްރެންޑްސްގެ އާދަމް ނިޔާޒް ހޯދިއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ފްލެމިންގޯ އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާމިނަތު ލައުޒާ (ފައިވް)، އާމިނަތު ސަހްލާ (ޔުނީކް ފްރެންޑްސް)، އާމިނަތު ހަސަން (ޔުނީކް ފްރެންޑްސް)، މުޒްނާ ހަސަން (ފައިވް) އަދި ޝަމްސުއްނިސާ ހުސެއިން (ޔުނީކް ފްރެންޑްސް) އެވެ.
ރޭގެ ދެވަނަ ފައިނަލުގައި ފިރިހެން ޑިވިޝަންގެ ފައިނަލް މަގުލަސް ކުލަބުގެ މައްޗަށް 2-0 އިން ކުރިހޯދައި ޗެމްޕިއަންކަން ހޯދީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް (ޒެޑްވައިއެލް) އެވެ. މުޅި މުބާރާތުގައި ވެސް އަދި ފައިނަލުގައި ވެސް ދެޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިމެޗުގައި އެންމެ މޮޅު ކުޅުމެއް ފެނުނީ ޒެޑްވައިއެލްއިންނެވެ. ޒެޑްވައިއެލްގެ ކުޅުންތެރިންގެ ތެރެއިން މުހައްމަދު އަނޫސް އާއި ކީޕަރު މުހައްމަދު ޒިޔާން ހަސަންގެ ކުޅުން ފާހަގަކޮށްލެވުނުއިރު، މަގުލަސް ކުލަބުގެ އަސްޖައު މޫސާގެ ކުޅުން ވެސް ފާހަގަކުރެވުނެވެ.
މަގުލަސް ކުލަބަށް ދެކާޑު ހަމަވުމުގެ ސަބަބުން ޝާފިއުއަށް ފައިނަލުގައި ނުކުޅެވުމުގެ ގެއްލުން އެޓީމަށް ވަރަށް ބޮޑަށް ކުރި އެވެ. މެޗުގައި ޒެޑްވައިއެލްއިން ދެލަނޑު ކާމިޔާބުކުރިއިރު މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ އަނޫސް އާއި އަމްޖަދެވެ. މެޗުގެ ތެރޭގައި ފައުލެއް ނުދިނުމާ ގުޅިގެން ރެފްރީއާ ދެމެދު ނުތަނަވަސްކަމެއް އުފެދި، ކުޑަ ހަމަނުޖެހުމެއް ހިނގާ މަގުލަސް ކުލަބުގެ ކެޕްޓަން މުހައްމަދު އާލިމްއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފަ އެވެ.
ހާއްސަ ވަނަތަކަށް ބަލާއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޒެޑްވައިއެލްގެ ހުސެއިން އަހްމަދު ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ ޒުވާން ތަރި މުހައްމަދު އަނޫސް އާދަމް އެވެ. ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މަގުލަސް ކުލަބުގެ އަސްޖައު މޫސާ ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޒެޑްވައިއެލްގެ ގޯލްކީޕަރު މުހައްމަދު ޒިޔާން ހަސަން އެވެ. އަސްޖައު ވަނީ މުބާރާތުގައި 8 ލަނޑު ކާމިޔާބުކޮށްފަ އެވެ.
އެންމެ މޮޅު ކޯޗަކަށް ޒެޑްވައިއެލްގެ ކޯޗު ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ޑޯން ޔުނައިޓެޑެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަސްޖައު މޫސާ (މަގުލަސް ކުލަބް)، ހުސެއިން އަހްމަދު (ޒެޑްވައިއެލް)، މުހައްމަދު އަނޫސް އާދަމް (ޒެޑްވައިއެލް)، ހުސެއިން އަބްދުއްރަޝީދު (ބިގޭ) (ޒެޑްވައިއެލް) އަދި މަގުލަސް ކުލަބުގެ ގޯލްކީޕަރު އަމްޖަދު މޫސާ އެވެ. މި މުބާރާތުގެ ތެރެއިން ކުރިއަށްގެންދިޔަ ސްކޯ ދިމާކުރުމުގެ ހާއްސަ ޗެލެންޖް ކާމިޔާބުކޮށްފައިވަނީ އަލީ ހަސަން އެވެ.
9 އޮކްޓޯބަރުން 21 އޮކްޓޯބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026 ގައި 16 ފިރިހެން ޓީމު އަދި 5 އަންހެން ޓީމު ވަނީ ވާދަކޮށްފަ އެވެ. މުބާރާތުގެ ކުރިން މޭޔަރ މުހައްމަދު އާތިފް ވަނީ މުބާރާތާ ބެހޭގޮތުން ވާހަކަދައްކަމުން މިފަދަ ކުޅިވަރު ހަރަކާތްތަކުގައި މި ރަށުގެ އަންހެން އަދި ފިރިހެން ދެ ޖިންސުގެ ބޭފުޅުންގެވެސް ޝައުގުވެރިކަން ހުރިކަން ސާބިތުކޮށްދީފައިވާ ކަމަށް އަދި ރަށު ތެރޭގައި ކުށް މަދުވެ އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެގެންވެސް ދާ ކަން ފާހަގަކުރައްވާފަ އެވެ. މޭޔަރު އާތިފް އިތުރަށް ފާހަގަކުރެއްވީ މި އަހަރު ޗެމްޕިއަންޝިޕްގެ ބަދަލުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމީ ފަރިތަކުރުމުގައި ޓީމުތަކަށް ދަތިވާނެތީ އާއި ބޮޑެތި ދަނޑުތަކުގައި އެކި މަޝްރޫއުތައް ކުރިއަށް ދާތީ އިންތިޒާމު ކުރުމުގެ ދަތިތައް ހުރުމާއެކީ ކަމުގަ އެވެ.