ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަންޖެހެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުން ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މަންދޫބަކަށް ކުރިމަތިލެއްވީ ކުޅުދުއްފުށިގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިޚާބުވެފައެވެ. އެހެންކަމުން މިއަދު ކުރިއަށް ދަނީ ބާކީ ދެ މަގާމަށް މެންބަރުން ހޮވުމުގެ ވޯޓުލުމެވެ.
މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ހުންނަ އެލްޖީއޭ އޮފީހާއި އަތޮޅުތަކުގެ ސަރުކާރު ހިދުމާތު މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.
މި އިންތިހާބުގައި ދެ މެންބަރުން ހޮވުމަށްވެސް ވޯޓު ކަރުދާސް ލާންޖެހޭނީ އެއް ވޯޓުފޮއްޓަކަށެވެ. ނަމަވެސް ރަށު ކައުންސިލްގެ މެންބަރާއި އަންހެނުންގެ ކޮމިޓީގެ ރައީށް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.




