twitterviber whatsapp telegramfacebookyoutube instagram
30th October 2026

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތާޒާ މަލުގެ ވިޔަފާރިކުރާ ކެކްޓަސްގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވައިފި

Oct 29, 2026

ދިވެހިރާއްޖޭގައި ތާޒާ މަލުގެ ވިޔަފާރި އެންމެ ފުރަތަމަ ފެށި، އަދި މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުން އަންނަ "ކެކްޓަސް" ގެ އާ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޅުދުއްފުށީ ބަންޑާރަމަގު، ސަތޭކަ ފިހާރަ ކައިރީގައި ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށްޓަކައި ރޭ އެ ފިހާރަ ކައިރީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ފިހާރަ ހުޅުވައިދެއްވީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އައިމިނަތު އިބްރާހީމެވެ.

ކުޅުދުއްފުށީގައި ރޭ ހުޅުވިގެންދިޔަ މި ފިހާރައަކީ ކެކްޓަސްގެ ހަތަރުވަނަ އައުޓްލެޓެވެ. މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ތާޒާ މަލުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން، މި ފިހާރައިން ތަފާތު އެކި ވައްތަރުގެ ތާޒާ މާމެލާމެއްޔާއި، ސޮފްޓް ޓޯއީސްގެ އިތުރުން މީރު ޗޮކްލެޓާއި، އެކި މުނާސަބަތުތަކާ ގުޅޭ ތަފާތު ހަދިޔާތައް ލިބެން ހުންނާނެއެވެ.

މީގެއިތުރުން، ކުދި ހަފްލާތަކުން ފެށިގެން ބޮޑެތި އިވެންޓްތަކާ ހަމައަށް ބޭނުންވާ ތަފާތު ޑިޒައިންތަކުގެ މާބޮނޑި (ބޮކޭ) ތައްޔާރުކޮށްދިނުމުގެ ފުރިހަމަ ހިދުމަތްވެސް މި ފިހާރައިން ލިބިގެންދާނެ ކަމަށް ކެކްޓަސްއިން މައުލޫމާތު ދެއެވެ.

ކެކްޓަސް އަކީ 1985 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ރާއްޖޭގައި މަލުގެ ވިޔަފާރިކުރަމުން އަންނަ، އަދި އާންމު ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި އިތުބާރެއް ހޯދާފައިވާ ވިޔަފާރިއެކެވެ. ކުޅުދުއްފުށީގައި ހުޅުވުނު މި އާ އައުޓްލެޓާއެކު، އެ ސިޓީގެ އިތުރުން މުޅި ތިލަދުންމަތީގެ ރައްޔިތުންނަށްވެސް މާލެ ނުގޮސް، ތާޒާ މަލާއި ގުޅުންހުރި އެކި ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބިގެންދާނެ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

ފެރީތަކަށް ޑެލަވަރީކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ. ކުޅުދުއްފުށީގެ އިތުރުން 'ކެކްޓަސް' ގެ އައުޓްލެޓްތައް ހުންނަނީ މާލެ، ހުޅުމާލެ، ފުވައްމުލަކުގައި އެވެ. އަންނަމަހު ކެކްޓަސްގެ އައުޓްލެޓެއް އައްޑޫގައި ހުޅުވާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293