އަންނަ އަހަރަކަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. އެއީ މި އަހަރަށް ފާސް ކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށާއި ދައުލަތް ހިންގުމަށް ދާ ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ކަމަށެވެ.
އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީއެސްއައިޕީ އަށް ކަނޑައަޅާފައި ވަނީ 8.2 ބިލިއަން ރުފިޔާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެއީ މި އަހަރާ އަޅައި ބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އާމްދަނީ އިތުރު ކުރުމަށް ދައުލަތުން ނަގާ އެއްވެސް ޓެކްސެއް މަތި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކްސްގެ ނިޒާމު އެފިޝިއެންޓްކޮށް މިހާރު ހުރި ލޫޕްހޯލްތައް ބައްދައި ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އެގޮތުން މި އަހަރު ތައާރަފު ކުރެވުނު "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ބޭނުން އިތުރަށް ފުޅާކޮށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޒަމާނީ އީ-އިންވޮއިސިން ނިޒާމެއް ތައާރަފުކުރުމަށް ވަނީ ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުން ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.