ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާ ކުރުމަށް ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމަށެވެ.
"އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި،" ޒަރީރު ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގަން ބަޖެޓުގައި ހިމަނާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ހުށަހެޅި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ހިމަނާފައި ވަނީ އަށް ބިލިއަން ރުފިޔާ އެވެ.