ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވި އިޓަލީގެ ޑައިވަރުންތަކެއް ސަލާމަތް ކުރުމުގެ ތެރޭގައި މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ އަގު ވަޒަން ކުރުމަށް އޭނާ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އެރުވުމަށް އެ ގައުމުން ނިންމައިފި އެވެ.
ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ބުނީ މަހުދީގެ އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އޭނާ އަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވަން ނިންމާފައިވާ ކަމަށެވެ. އެއީ އިޓަލީން އަރުވާ އެންމެ މަތީ ޝަރަފެވެ.
އޭގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން މަހުދީގެ އާއިލާ އަށް އެހީވުމަށް ފަންޑެއް އެއް ކުރުމުގެ މަސައްކަތް ވެސް ފަށަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.
ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށާއި އެ ހުރިހާ ފައިސާއެއް ހަވަލު ކުރާީ މަހުދީގެ ޝަރުއީ ވާރިސުންނަށް ކަމަށް ވެސް އިޓަލީން ބުންޏެވެ.
މަހުދީ މަރުވި ގޮތުގެ ހާދިސާ ދިވެހި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅޭ ގިނަ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ.