twitterviber whatsapp telegramfacebookyoutube instagram
29th October 2026

މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރު، ވަޒީރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
Oct 28, 2026

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ކައުންސިލަރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ތަޅުމުން އެގޮތަށް ނިންމިއިރު، މާލިއްޔަތު ކޮމިޓީން އޮތީ މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް މި މަހުގެ 21 ގައި ފާސްކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް ހުށަހަޅުއްވާފައިވަނީ، މިހާރު މަޖިލީހުގެ ރައީސަށް 73،125ރ. ލިބިވަޑައިގަންނަވާތީ، ރައީސްގެ މުސާރަ ބޮޑުކުރުމަށްޓަކައެވެ.

އެގޮތުން މަޖިލީހުގެ ރައީސަށް ލިބިދޭ އެލަވަންސަށް 22،000ރ. އިތުރު ކުރުމަށެވެ.

މިއާއެކު މަޖިލީހުގެ ރައީސަކަށް މިހާރު ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށް މުސާރައިގެ ގޮތުގައި ދެން 95،125ރ. ލިބިވަޑައިގަންނަވާނެ އެވެ. މިހާރު މަޖިލީހުގެ އާންމު މެންބަރަކަށް މުސާރައާއި އެލަވަންސްތަކާއެކު މަހަކު 82،250 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ކޮމިޓީން ނިންމި ގޮތަށް އެކަން ފާސްކުރީ 42 މެމްބަރުންގެ ވޯޓާ އެކީގަ އެވެ. ނުފެންނަ ކަމަށް ވޯޓް ދެއްކީ އިދިކޮޅުގެ 12 މެމްބަރުންނެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މުސާރަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެއްވަރަށް ބޮޑުކުރުމަށްވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91,000 ރުފިޔާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، ހާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ ހަމަޖެއްސުމަށް ކޮމިޓީންނާއި މަޖިލީހުގެ ތަޅުމުން ފާސްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަށް ލިބިވަޑައިގަންނަވާ މިންވަރަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް މިހާރު ވަނީ އެއްވަރުވެފައެވެ. އެގޮތުން މި ނިންމުމާއެކު، އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ ޖުމުލަ އާމްދަނީ 95,125 ރުފިޔާއަށް އަރާނެއެވެ.

މީގެއިތުރުން ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު، ވަޒީރެއްގެ މުސާރައާއި އެލަވަންސްތަކުގެ ޖުމުލަ 75،500 ރުފިޔާއަށް އަރާނެއެވެ. މިހާރު ވަޒީރަކަށް ލިބިވަޑައިގަންނަވަނީ މަހަކު 58،500 ރުފިޔާއެވެ.

މީގެ އިިތުރުން ޕެޓްރޯލް އެލަވަންސަށް 2،000ރ، ޑްރައިވަރުންގެ މުސާރައަށް 12،000ރ، ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3000ރ. ރުފިޔާ ދިނުމަށް ވެސް ފާސްކޮށްފައިވެ ވެ. އަދި ރަށު ކައުންސިލުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ކައުންސިލަރުންނަށް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އިތުރު ކުރުމަށް ފާސްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293