twitterviber whatsapp telegramfacebookyoutube instagram
29th October 2026

ރާއްޖެ ވަކި ގައުމެއްގެ ޕަޕެޓަކަށް ދެން ނުވާނެ: ރައީސް

Oct 28, 2026

ރާއްޖެއަކީ ވަކި ގައުމެއްގެ ޕަޕެޓެއް ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ވަކި އަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅުނީ ހަރުދަނާ ހާރިޖީ ސިޔާސަތެކެވެ. އެއީ ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާވާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމެވެ.

ނަމަވެސް އޭގެ ފަހުން އައި ސަރުކާރުތަކުން ހާރިޖީ ސިޔާސަތު ބައްޓަން ކުރި ގޮތުން ރާއްޖެ އާއި ސަރަހައްދީ ހަމަޖެހުމަށް ވެސް ނުރައްކާވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވެސް ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާ ވާ ގޮތްތައް ހޯދައި ދޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއް ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން މިހާރު އެކަން ހާސިލް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"[ވަކި ގައުމެއްގެ ޕަޕެޓަކަށްވުމުގެ އެ ސިޔާސަތު މަޑުމަޑުން މިދިޔަ ތިން އަހަރުގެ ތެރޭގައި މި ދިޔައީ ހަމަ ފަސްލާ ވަޅުލައި ނިންމައިފައި. އިރާދަ ކުރެއްވިއްޔާ މި ގައުމުގައި ދެން އެކަން އިއާދަ ކުރުމަކީ ރައްޔިތުން ފުރުސަތު ދޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

މި ފަހުން ރައީސް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ މަޝްވަރާތައް ކުރެއްވި ކަމަށާއި އޭގެ ކުރިން ކުރެއްވި ކޮންމެ އެފަދަ ރަސްމީ ދަތުރުފުޅެއްގައި ވެސް ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ މާނައަކީ ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ބޭތިއްބުން ނޫން ކަމަށާއި އެއީ ދިވެހިންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި އެމަނިކުފާނު އިސްކަން ދީގެން ކުރައްވާ މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެހެން ދެ ގައުމެއްގެ ތެރޭގައި އޮތް މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ވަނުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަދުނާމެއް ބަޔަކު އަޅުވަން އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި ރާއްޖެއިން އަބަދުވެސް ބަލާނީ ރާއްޖެ އަށް ފައިދާ ވާނީ ކޮން ގޮތެއްތޯ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293