އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާދަމާގެ ޖަލްސާ ފަށާނީ މެންދުރު ފަހު 1:30 ގައި ކަމަށެވެ.
ބަޖެޓް ހުށަހަޅަން މާދަމާ ޖަލްސާއެއް ބާއްވަން ނިންމި އިރު، އާންމު އުސޫލުގެ ދަށުން ބުރާސްފަތި ދުވަހަކީ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުން އަންނަ އަހަރު ނިމުމުގެ މަދުވެގެން ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މަޖިލީހަށް ބަޖެޓު ހުށަހެޅުމަށްފަހު، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަރުހަލާގައްޔާއި މަޖިލީހުގެ ތަޅުމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރާނީ މެންބަރުންގެ މެދުގައި މަޝްވަރާކުރެވި، ގެންނަން ފެންނަ އިސްލާހުތަކާ އެކީގަ އެވެ.
މި އަހަރަށް ދައުލަތުން ފާސްކޮށްފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ، އެގައުމެއްގައި އަދުލުއިންސާފު ގާއިމުވެފައި އޮންނަ މިންވަރެއްގެ މައްޗަށް ކަމަށާއި އެކަމަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރުމަކީ މަޖިލިސް މެންބަރުންގެ އެންމެ އިސް މަސްއޫލިއްޔަތު ކަމުގައި ގަބޫލުފުޅު ކުރައްވަންވާނެ ކަމަށެވެ.
"މަޖިލީހުގެ މެންބަރުން ވާންވާނީ ހަމަހަމަކަމަށް ލޯބިކުރާ އިންސާފު ގާއިމުކުރުމަށް އެއްބާރުލުންދޭ މެންބަރުންނަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.