ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "އިސްރަށްވެހިންގެ ހަވީރު" މި އަހަރުގެ އޮކްޓޯބަރުމަހުގެ 30 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދިވެހި ރެޑް ކްރެސެންޓުން މައުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ ހަވީރު ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން 05:30 އަށް ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 60 އަހަރުން މަތީގެ ހުރިހާ އިސްރަށްވެހިންނަށް ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ހަވީރުގައި ސިއްހީ ގޮތުން ފައިދާހުރި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އެގޮތުން ހަކުރާއި ލޭގެ މިންވަރު (ބްލަޑް ޕްރެޝަރު) ޗެކް ކުރުމާއި، ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ޕެންޝަން ފޯމާ ގުޅޭ މުހިންމު ހިދުމަތްތައްވެސް މި ހަވީރުގެ ތެރެއިން ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ހަރަކާތަކީ އިޖުތިމާއީ ބަދަހިކަން ގާއިމުކުރުމަށް ބާއްވާ ހަރަކާތަކަށްވުމާއެކު، ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ އެއްބާރުލުން މި އަހަރުވެސް މި ހަވީރަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ބޭންކް އޮފް މޯލްޑިވްސް ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ މި ހަވީރުގެ މައިގަނޑު މަގުސަދަކީ، އުމުރުން ދުވަސްވީ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތްކޮށް، ގާތް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، މާޒީގެ ރީތި ހަނދާންތައް އާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއަހަރުގެ އިސްރަށްވެހިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަލިފުޅުތުއްތު ފައުންޑޭޝަނުގެ ދީލަތި އެހީތެރިކަމާއެކުގައެވެ.