އަންހެނުންގެ ސިއްހަތުގެ ހިދުމަތްތަކަށް ހާއްސަވެފައިވާ ކުޅުދުއްފުށީ ގައިނޯވާ ކުލިނިކްގައި ކުޑަކުދިންގެ ހާއްސަ ސީނިއަރ ކޮންސަލްޓަންޓް ޑރ. ޒުމްރާ ލަތީފް 5 ސެޕްޓެމްބަރ އިން ފެށިގެން ބަލިމީހުން ބަލާގޮތަވަނީ ހަމަޖެހިފަ އެވެ.
ޑރ. ޒުމްރާ ބަލިމީހުން ބައްލަވަން ފެއްޓެވުމަކީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ކުޑަކުދިންނަށާއި އާއިލާތަކަށް ސްޕެޝަލިސްޓް ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ގައިނޯވާއިން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތް ކަމުގައި އެ ކުލިނިކުން ބުނެއެވެ.
ޑރ. ޒުމްރާ ލަތީފަކީ ތުއްތުކުދިންނާއި، ކުޑަކުދިން އަދި ފުރާވަރުގެ ކުދިންގެ ސިއްހީ ފަރުވާ ދިނުމުގައި 17 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ތަޖުރިބާކާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ.
ޑރ. ޒުމްރާ ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ހައުސް އޮފިސަރެއްގެ ގޮތުންނާއި، ސީނިއަރ ރެޖިސްޓްރަރ އަދި ކޮންސަލްޓަންޓް ޕީޑިއަޓްރީޝަނެއްގެ ގޮތުގައި ގިނަ ކްލިނިކަލް މަޤާމުތަކެއް ފުރުއްވާފައެވެ.
މިހާރު ޒުމްރާ އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮންސަލްޓަންޓް ޕީޑިއަޓްރީޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެހެނިހެން ސިއްހީ މަރުކަޒުތަކާއި ކްލިނިކްތައް މެދުވެރިކޮށްވެސް ބަލިމީހުން ބައްލަވާފައިވެއެވެ.
ކުއްޖާގެ ހެދިބޮޑުވުމާއި، ތަރައްޤީވުމާއި، ނުވަތަ އާންމު ސިއްހަތާ ގުޅޭގޮތުން ކަންބޮޑުވުމެއް ހުންނަ ހިނދު، ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ފަސޭހައިން ލިބުމަކީ ބެލެނިވެރިންނަށް ވަރަށް މުހިންމު ކަމެކެވެ.
ގައިނޯވާއި ބުނީ ޑރ. ޒުމްރާ ގައިނޯވާގައި ބަލިމީހުން ބައްލަވަން ފެއްޓެވުމާއެކު، ކޮންމެ ފަހަރަކު މާލެ ދަތުރުކުރަން ނުޖެހި، ކުޅުދުއްފުއްޓާއި ކައިރި ރަށްތަކުގެ އާއިލާތަކަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ލަފައާއި ފަރުވާ ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ޑރ. ޒުމްރާ ދެއްވާ ހިދުމަތްތަކުގެ ތެރޭގައި އާންމު ކުޑަކުދިންގެ ބަލިތައް ބައްލަވައި ފަރުވާ ދެއްވުމާއި، ކުއްޖާގެ ހެދިބޮޑުވުމާއި ތަރައްޤީވުމާ ގުޅޭ މައްސަލަތައް، ކާނާއާއި ކެއިންބުއިމާ ގުޅުންހުރި މައްސަލަތައް، ތަކުރާރުކޮށް ދިމާވާ ޞިއްޙީ މައްސަލަތައް އަދި ހާއްސަ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންގެ އެހެނިހެން ސިއްހީ މައްސަލަތައް ބައްލަވައި ފަރުވާ ދެއްވުން ހިމެނެއެވެ.
އެޕޮއިންޓްމެންޓް ހެދުމަށާއި ބަލި މީހުންގެ ހުރިހާ ކަންކަން ބަލަހައްޓަމުންގެންދާނީ ގައިނޯވާ ވެޓްސައިޓް Gynova.mv މެދުވެރިކޮށެވެ. ބުކިން ހަދަން ބޭނުންވާ ފަރާތްތަކުން ގައިނޯވާ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދޭނެ އެވެ. އަދި ގައިނޯވާގެ ވެބްސައިޓްގެ ޗެޓް ފަންގްޝަން މެދުވެރިކޮށް މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އެވެ.




