ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުން ކަމަށެވެ. އެއީ އިސް ފަނޑިޔާރުގެ އިތުރުން 10 ފަނޑިޔާރެކެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅީ އިސް ފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުންނަށް ތިއްބަވާ ގޮތަށް ބަދަލު ކުރުމަށެވެ.
މަޖިލީހުން އެ އިސްލާހު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގައި ހައިކޯޓަށް އިތުރު ހަތަރު ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ބިލު ހުށަހެޅި ބޭނުމެއް ކަމުގައި ބުނެފައި ވަނީ ޝަރީއަތްތައް އަވަސްކުރުމާއި އަދުލު އިންސާފަށް ވާސިލުވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށެވެ. އެގޮތުން ބިލުގައި އިތުރު ގިނަ ބަދަލުތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.
އޭގެ ތެރޭގައި ޖުޑިޝަލް ކައުންސިލެއް އެކުލަވާލުމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ވަކިގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައަޅަން ވެސް ބިލުގައި ހިމަނާފައިވެ އެވެ.