އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބެޖެޓް، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ގޮތަށް ފާސް ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މި ބަޖެޓު މަޖިލީހުން ފާސްކޮށްފައި މިވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިގަތުމެއް ނެތިއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މިއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
އަދި ބަޖެޓު ކޮމިޓީންވެސް ވަނީ ބަޖެޓު ފާސްކޮށްފައެވެ. އެ ކޮމިޓީން އެގޮތަށް ނިންމީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ. ނަމަވެސް ކޮމެޓީން ވަނީ ބަޖެޓާއި ގުޅިގެން ކަަމާ ގުޅުން ހުރި އިދާރާތައް ކޮމެޓީއަށް ހާޒިރުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ބަޖެޓް ކޮމެޓީން ނިންމި ރިޕޯޓަށް އެމްޑީޕީގެ ފަރާތުން 23 އިސްލާހެއް ހުށަހެޅިއެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ޝަރުތުތައް ފުރިހަމަވާކަމަށް ކަނޑައަޅާފައި ވަނީ ހަތް އިސްލާހެވެ. މި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހު އަނބުރާ ގެންދަވާފައި ވެއެވެ.
މި އިސްލާހުތަކަށް މަޖިލީސް ތަޅުމުގައި ވޯޓަށް އެހި ނަމަވެސް، އެއްވެސް އިސްލާހެއް ފާސްވާ މިންވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ހަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަންނަ އަހަރު ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރެވޭނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓު ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރާ ބަލާއިރު، 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށް ތިން ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.




