twitterviber whatsapp telegramfacebookyoutube instagram
25th November 2026

ސަރުކާރުގެ 21 ކުންފުނީގެ ތެރެއިން މާލީ ބަޔާން އާންމުކުރަނީ ފަސް ކުންފުނި!

Nov 25, 2026

ސަރުކާރުގެ 21 ކުންފުންޏެއްގެ އަމިއްލަ ވެބްސައިޓް ހުރިނަމަވެސް އޭގެ ތެރެއިން މާލީ ބަޔާންތައް އާންމުކޮށްފައިވަނީ އެންމެ ފަސް ކުންފުނިން ކަމަށާއި، ނުވަ ކުންފުންޏެއްގެ 19 އޮޑިޓެއް ނުނިމި އޮތްކަން ހާމަވެއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައި ދައުލަތުގެ 21 ކުންފުންޏެއްގެ ހިންގުމާއި ދެފުށް ފެންނަ މިންވަރު ވަނީ ވަޒަންކޮށްފަ އެވެ. މި ރިވިއުއިން ދައްކާ ގޮތުގައި ކޯޕަރޭޓް ގަވަނަންސް ކޯޑުގެ އެކި ބައިތަކުގެ ތެރެއިން ކުންފުނިތަކުން އެންމެ ދަށްކޮށް އަމަލުކޮށްފައިވަނީ ވެސް މައުލޫމާތު ހާމަކުރުމާއި ދެފުށް ފެންނަ މިންވަރު (ޓްރާންސްޕޭރެންސީ) ގެ ބައިންނެވެ. އެ ބައިން ކުންފުނިތަކަށް ލިބިފައިވަނީ އެންމެ 45 ޕަސެންޓެވެ

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިވެލުއޭޓް ކުރެވުނު ހުރިހާ ކުންފުންޏެއްގެ އަމިއްލަ ވެބްސައިޓް ހުރި ނަމަވެސް އާންމު ރައްޔިތުންނަށް ފެންނަން ހުންނަން ޖެހޭ މުހިންމު މާލީ އަދި އިދާރީ ލިޔެކިޔުންތައް ގިނަ ކުންފުނިތަކުގެ ވެބްސައިޓުތަކަކު ނެތެވެ.

މާލީ ބަޔާންތަކާއި ޕޮލިސީ: ވެބްސައިޓުގައި މާލީ ބަޔާންތައް ޝާއިއުކޮށްފައިވަނީ 21 ކުންފުނީގެ ތެރެއިން އެންމެ ފަސް ކުންފުނިންނެވެ. އަދި ޑިވިޑެންޑް ޕޮލިސީ އާންމުކޮށްފައިވަނީ ހަތަރު ކުންފުނިންނެވެ.

އަހަރީ އާންމު ޖަލްސާގެ މައުލޫމާތު: ފާއިތުވި ފަސް އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގެ ޔައުމިއްޔާ ވެބްސައިޓުގައި ހުރީ އެންމެ ތިން ކުންފުނީގަ އެވެ. އަދި އޭޖީއެމްއާ ގުޅޭ ލިޔެކިޔުންތައް އާންމުކޮށްފައިވަނީ ހަ ކުންފުނިންނެވެ. އަދި ފާއިތުވި ތިން އަހަރުގެ އަހަރީ ރިޕޯޓު ވެބްސައިޓުގައި ޝާއިއުކޮށްފައިވަނީ އަށް ކުންފުނިންނެވެ.

މީގެ އިތުރުން 17 ކުންފުންޏަކުން އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު ވެބްސައިޓުގައި ހިމަނާފައިވާއިރު، ކުންފުނީގެ އޮނިގަނޑާއި ހިއްސާދާރުންގެ މައުލޫމާތު ހިމަނާފައިވަނީ 14 ކުންފުނިންނެވެ.

ކުންފުނިތަކުގެ މާލީ ޒިންމާދާރުކަމަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ނުވަ ކުންފުންޏެއްގެ ޖުމްލަ 19 އޮޑިޓެއް ނުނިމި އޮތްކަން ރިޕޯޓުން ދައްކަ އެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައިވަނީ 21 ކުންފުނީގެ ތެރެއިން 12 ކުންފުނިންނެވެ. ހަމައެހެންމެ، ކުންފުނި އުފެދުނީއްސުރެ އަހަރީ އާންމު ޖަލްސާ ނުބާއްވާ ދެ ކުންފުންޏެއް އޮތްއިރު، އަހަރީ ޕްލޭނެއް ނެތި ހިންގާ ހަތް ކުންފުންޏެއް ހިމެނޭކަން ވެސް ޕީސީބީން ވަނީ ފާހަގަކޮށްފަ އެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ބައިން ކުންފުނިތަކަށް ލިބިފައިވަނީ އެންމެ 47 ޕަސެންޓެވެ

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން މި މައްސަލަތައް ހުރި ނަމަވެސް، ކޯޕަރޭޓް ގަވަނަންސް ކޯޑަށް ކުންފުނިތަކުން އަމަލުކުރާ ޖުމްލަ މިންވަރު 2023 ވަނަ އަހަރާ އަޅާބަލާއިރު 11 އިންސައްތައަށް ވުރެ މައްޗަށް ގޮސް، ޖުމްލަ ކޮމްޕްލަޔަންސް ވަނީ 78 އިންސައްތަ އަށް އަރާފަ އެވެ. އަދި 11 ކުންފުންޏަކުން 75 އިންސައްތަ ނުވަތަ އެއަށް ވުރެ މަތިން ސްކޯ ހޯދާފައިވެ އެވެ.

އެންމެ ދަށް ސްކޯ ހޯދި ކުންފުނިތައް - އެންމެ ދަށުން 45 ޕަސެންޓް ލިބިފައިވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށެވެ. ދެން އެންމެ ދަށުގައި އުޅެނީ 50 ޕަސެންޓު ލިބުނު އެމްއެފްއޯއާރުއެމްޕީސީ އާއި، 64 ޕަސެންޓު ލިބުނު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ އިތުރުން 66 ޕަސެންޓު ލިބުނު ބީސީސީ އާއި އެމްއެފްއެމްސީ އެވެ. ވެމްކޯ އަށް 67 ޕަސެންޓު ލިބުނުއިރު ފެނަކަ އަށް ލިބުނީ 68 ޕަސެންޓެވެ.

އެންމެ މަތިން ސްކޯ ހޯދި ކުންފުނިތައް - އެންމެ މަތިން 98 އިންސައްތަ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އިންނެވެ. ދެވަނައިގައި 97 ޕަސެންޓާއެކު އެމްޕީއެލް އޮތްއިރު، އާސަންދަ އަށް 93 ޕަސެންޓު، މިންޑްކޯ އަށް 90 ޕަސެންޓު، އެމްޑަބްލިއުއެސްސީ އަށް 89 ޕަސެންޓު އަދި ސްޓެލްކޯ އަށް ވަނީ 88 ޕަސެންޓު ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293