އުމްރާނީ ތަރައްގީތޯ ނުވަތަ އިހުމާލެއްތޯ؟ ކުޅުދުއްފުށީގެ ދަނޑުތައް ބަންދުވެ، ޒުވާން އެތުލީޓުންގެ އުއްމީދުތައް ކަނޑުވެގެންދަނީ!
ކުޅުދުއްފުށި ސިޓީއަކީ މުޅި އުތުރުގައި ވެސް ކުޅިވަރުގެ އެންމެ ބޮޑު ފޯރިއެއް އޮންނަ، އަދި ގައުމީ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް އުފައްދަމުންދާ ރަށެވެ. ނަމަވެސް، މިވަގުތު ކުޅުދުއްފުށީގެ ކުޅިވަރުގެ މައިދާން އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ރަށުގައި ހުރި މައިގަނޑު ކުޅިވަރު ވަސީލަތްތައް އެއްފަހަރާ ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގަމުންދާތީ، އާންމުކޮށް ކުޅެ އުޅޭ ދަނޑުތައް ބޭނުންނުކުރެވޭ ހާލަތަށް ގޮސް، މުބާރާތްތައް ބޭއްވުމަށާއި ކުޅުންތެރިންގެ ޕްރެކްޓިސްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
* ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް: ސިޓީގެ އެންމެ މައި ފުޓްބޯޅަ ދަނޑުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސިންތަޓިކް ޓްރެކް އެޅުމުގެ ބޮޑު މަޝްރޫއު ވަނީ ފަށައިފަ އެވެ. މިއީ އެތުލެޓިކްސް ކުޅުންތެރިންނަށް ލިބުނު އުފާވެރި ޚަބަރެއް ނަމަވެސް، މަސައްކަތް ހިނގަމުންދާތީ ސްޓޭޑިއަމް މިވަގުތު ވަނީ މުޅިން ބަންދުކޮށްފަ އެވެ.
* ކޮރަލް ދަނޑު: ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫއު ކުރިއަށްދިޔަ ނަމަވެސް، މަސައްކަތް މުޅިން ނުނިމޭތީ މި ދަނޑު ވެސް ބޭނުމެއް ނުކުރެވެ އެވެ.
* ހިރަފުސް ދަނޑު: ސަރުކާރުން މަޝްރޫއު ފެށިތާ ދިގު މުއްދަތެއް ވެފައިވީ ނަމަވެސް، އަދިވެސް ކުޅެވޭނެ ފެންވަރަށް ދަނޑުގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.
* ރަސްމީ ބޯޅަ ދަނޑު: މިވަގުތު ބޭނުންކުރެވެން އޮތް ހަމައެކަނި ދަނޑަކީ މިއީ އެވެ. ނަމަވެސް، ގިނަ ޓީމުތަކުން އެއްފަހަރާ ޕްރެކްޓިސްކުރުމަށާއި، ސަޕޯޓަރުންނަށް ތިބެވޭނެ އިންތިޒާމެއް ނެތުމުން ބޮޑެތި މުބާރާތްތައް ބޭއްވުމަށް ވަނީ ދަތިވެފަ އެވެ.
ދަނޑުތައް ބޭނުން ނުކުރެވޭ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ 11 ވަނަ އާންމު ޖަލްސާގައި ވަނީ ދިގުކޮށް ބަހުސްކޮށްފަ އެވެ. މޭޔަރު މުހައްމަދު އާތިފް ފާހަގަކުރެއްވި ގޮތުގައި، 2022 އިން ފެށިގެން ސަރަހައްދީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބެމުންދިޔަ "ކުޅުދުއްފުށި ޗެމްޕިއަންޝިޕް" މި އަހަރު ބޭއްވޭނެ އެއްވެސް މަގެއް ނެތެވެ.
ޑެޕިއުޓީ މޭޔަރު އަހްމަދު އަބްދުﷲ (ރޯޒޭ) އާއި ކައުންސިލް މެމްބަރުން ވަނީ، ސަރުކާރުގެ މަޝްރޫއުތައް ރޭވޭއިރު އެއް ދަނޑުގެ މަސައްކަތް ނިންމުމަށްފަހު އަނެއް ދަނޑުގެ މަސައްކަތް ނުފަށައި، ހުރިހާ ދަނޑެއް އެއްފަހަރާ ބަންދުވުމުން ފުޓްބޯޅަ ޖީލެއް ހަލާކުވުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންކަމުން، ކުޅުންތެރިން ކުޅިވަރާ ދުރުވިޔަ ނުދިނުމަށާއި، މުބާރާތްތަކުގެ ފޯރި ހިފެހެއްޓުމަށްޓަކައި، މި އަހަރުގެ ޗެމްޕިއަންޝިޕަށް ބަޖެޓްކުރެވުނު ފައިސާ ބޭނުންކޮށްގެން ކުޅުދުއްފުށީގެ ދެޖިންސުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އާންމު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ އިއްތިފާގުން ނިންމައިފަ އެވެ.
ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކެއް އެޅުމުގެ ވާހަކައަކީ ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. އިންޑިއާގެ "ލައިން އޮފް ކްރެޑިޓް" (އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލޯނު އެހީގެ ކްރެޑިޓް ފެސިލިޓީ) ގެ ދަށުން ކުރިއަށްގެންދަން ނިންމި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ދިގުލައިގެން ދިއުމަކީ އެތުލީޓުންގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމެކެވެ. މިއީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް ނޫނެވެ؛ ގައުމީ ފެންވަރުގެ އެތުލެޓިކްސް މުބާރާތްތަކަށް ތައްޔާރުވާ އުތުރުގެ ދުވުންތެރިންނަށް ވެސް ލިބުނު ބޮޑު ހުރަހެކެވެ.
މިހާރު ހުރި ދަތިތަކާއެކު ވެސް، ކުޅުދުއްފުށީގެ ކުޅިވަރު އުމްރާނީ ތަރައްގީއަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ރޭވުންތަކެއް ރާވައިފަ އެވެ. ކުޅުދުއްފުށީގެ މަޖިލިސް މެމްބަރުންނާއި ސްޕޯޓްސް މިނިސްޓްރީން ބޭއްވި މަޝްވަރާތަކުގައި، ސިޓީގައި 1,500 މީހުންގެ ކެޕޭސިޓީގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، ފިޓްނަސް ސެންޓަރެއްޣޭ އިތުރުން ޖުމްލަ 7 މަޝްރޫއެއް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި ޒިގްޒެގް ދަނޑުގެ ރޮސްޓްރަމް ނިންމުމާއި، ބެޑްމިންޓަން ކޯޓުތައް އިތުރުކުރުން ހިމެނެ އެވެ.
ނަމަވެސް، ކުޅުންތެރިންގެ ސުވާލަކީ: "މި ހުރިހާ މަޝްރޫއެއް ނިމެންދެން ޒުވާނުން ތިބެންޖެހޭނީ ކުޅިވަރާ ދުރުގައި ހެއްޔެވެ؟"
ކުޅުދުއްފުށީގެ ތާރީޚުގައި އެންމެ ގިނަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި "ހިރަފުސް ދަނޑު" ތަރައްގީކުރުމަށް 2023 ގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ ބިޑިން ފެށި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ދަނޑު މުޅިން ނިމި ކުޅޭވޭނެ ހާލަތަކަށް ނާދެ އެވެ. އަނެއްކޮޅުން، ކޮރަލް ދަނޑުގެ ޓާފް ހަލާކުވެގެން 2023 ގެ ކުރީކޮޅު ބަންދުކުރި ގޮތަށް، އެތަނުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ދިގުލައިގެން ދިއުމަކީ ރަށުގެ ކުލަބުތަކަށް ޕްރެކްޓިސް ކުރާނެ ޖާގަ ނުލިބުނު މައިގަނޑު އެއް ސަބަބެވެ.
ކައުންސިލް މެންބަރު އިބްރާހިމް އަހްމަދު (އެއްބެ) ފާހަގަކުރެއްވި ގޮތުގައި، ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ރަށުން ބޭރުގެ ޓީމުތަކާ ވާދަކުރުމުގައި ރަށުގެ ކުލަބުތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެހެން ރަށްރަށުގެ ކައުންސިލްތަކުން ބޮޑެތި ބަޖެޓުތަކާއެކު އަންނައިރު، ކުޅުދުއްފުށީގެ ކުލަބުތަކުން 3-4 ލައްކަ ރުފިޔާ ހޭދަކޮށްގެން ވާދަކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. އެހެންކަމުން، މުސްތަގުބަލުގައި ޗެމްޕިއަންޝިޕް އަލުން ފަށާއިރު، ރަށުގެ ކުލަބުތަކަށް އިސްކަން ލިބޭނެ މާލީ އަދި އިންތިޒާމީ މޮޑެލްއެއް ބޭނުންވާކަން ވަނީ ފާހަގަކުރައްވައިފަ އެވެ.
ދަނޑުތަކުގެ މައްސަލަ ބޮޑުވެފައިވީ ނަމަވެސް، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ވޭތުވެދިޔަ ދައުރުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފަ އެވެ. މެންބަރު ރިލްވާން (ރިލޭ) މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، ފުޓްސަލް ދަނޑުގެ ރެސްޓްރޫމް ހެދުމާއި، ޑަބްލިއުޑީސީއާ ގުޅިގެން ނެޓްބޯޅަ ކޯޓު ތަރައްގީކުރުމާއި، އެޕެކްސްއާ ގުޅިގެން ސްޓޭޑިއަމް ސަރަހައްދުގައި ޓެންޓްބަރިއާއި ވަށާފާރުގައި ކުލަލުން ފަދަ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. މީގެއިތުރުން، ގައުމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ދަނޑެއް ތަރައްގީކޮށް ސިޑިބަރި ޖެހުމާއި، ބެޑްމިންޓަން ކޯޓުތައް މަރާމާތުކުރުން ހިމެނެ އެވެ.
މި މަޝްރޫއުތަކާ ގުޅޭގޮތުން ރަށުގެ ޒުވާން އެތުލީޓުން ދެކޭ ގޮތުގައި، ސިންތަޓިކް ޓްރެކާއި ޓާފް ދަނޑުތަކަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މަސައްކަތްތައް ދިގުލައިގެން ގޮސް، މުބާރާތްތައް ނުބޭއްވުމަކީ ލީގު މުބާރާތްތަކަށް ތައްޔާރުވާ ކުޅުންތެރިންގެ ފިޓްނެސްއަށާއި މޮމެންޓަމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
ކުޅުދުއްފުށީގެ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި، މިހާރު ހިނގަމުންދާ މަޝްރޫއުތައް އަވަހަށް ނިންމައި، ކުޅުންތެރިންނަށް ދަނޑުތައް ހުޅުވާލުމަކީ މުޅި ސިޓީގެ ރައްޔިތުންގެ ވެސް މިއަދުގެ އެންމެ ބޮޑު އެދުމެވެ.