twitterviber whatsapp telegramfacebookyoutube instagram
25th November 2026

މީޑިއާތަކަށް ދޭ މާލީ އެހީ އަށް އެދެން ހުޅުވާލައިފި

Nov 25, 2026

ރަޖިސްޓްރީވެގެން ހިންގާ މީޑިއާތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އިނާޔަތަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މިއަހަރު އަމިއްލަ ނޫސް މަޖައްލާތަކަށާއި ބްރޯޑްކާސްޓިން ހިދުމަތްދޭ ފަރާތްތަކަށް ކަނޑައަޅާފައިވާ މާލީ އެހީ ހޯދުމަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަސްކަމަށެވެ. މި އެހީއަށް އެދި ހުށަހެޅުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ އޮންލައިންކޮށެވެ. އެގޮތުން "ވަންގަވް" ޕްލެޓްފޯމުގައި ހިމެނޭ 'މީޑިއާއެޕް' ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ވަޒަންކުރުމަށްފަހު، ޝަރުތު ފުރިހަމަވާ މީޑިއާތަކަށް މި ހިނގާ އަހަރު ނިމުމުގެ ކުރިން އެހީގެ ފައިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

މީގެކުރިން މީޑިއާތަކަށް އެހީ ދިނުމުގެ އުސޫލު އެކުލަވާލާފައި އޮތްއިރު އެ ފުރުސަތު ލިބެނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން 3 އަހަރު ވެފައިވާ މީޑިއާތަކަށެވެ. ނަމަވެސް، މިހާރު ގެނެސްފައިވާ ބަދަލާއެކު، ހިދުމަތް ދޭތާ އެއް އަހަރު ފުރިފައިވާ ކޮންމެ މީޑިއާއަކަށްވެސް މި އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ޔޫތު މިނިސްޓްރީންނެވެ. އެހެންނަމަވެސް، މީޑިއާ ކޮމިޝަން އަލުން އެކުލަވާލުމާއެކު މި މަސައްކަތުގެ އެންމެހައި ޒިންމާތައް މިހާރު ވަނީ އެ ކޮމިޝަނުގެ ދަށަށް ބަދަލުކޮށްފައެވެ.

ކަނޑައެޅިފައިވާ އުސޫލުގައި ބަޔާންކުރާ ގޮތުގައި، މީޑިއާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅަނީ ދައުލަތުގެ ބަޖެޓަށް އަންދާޒާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން މީޑިއާތަކުގެ އެހީގެ ގޮތުގައި ޖުމްލަ 35.1 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293