twitterviber whatsapp telegramfacebookyoutube instagram
30th October 2026

ހިލޭ ޑިގްރީ ޕްރޮގްރާމަށް 136 މިލިއަން، ލޯނުތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ނަބީލާ އިސްމާޢީލް
Oct 30, 2026

މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި ސްޓޫޑެންޓް ލޯނު ދޫކުރުމަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ފާގަތި ގައުމެއް ބިނާ ކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައި ދިނުމަށް ކޮންމެ ކުއްޖަކަށްމެ، ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

"މިއަންނަ އަހަރުވެސް ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާއާ، މަތީ ތަޢުލީމު ޙާސިލު ކުރާ ދަރިވަރުންނަށް ލޯނު ފެސިލިޓީ ދޫކުރުމަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި،" ޒަރީރު ވިދާޅުވިއެވެ.

މި މަގްސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، މި ބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

މީގެ ތެރޭގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއް ކަމާއި، އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭނެކަމީ ގަބޫލު ކުރާ ހަމައެއް ކަމަށް ޒަަރީރު ވިދާޅުވިއެވެ.

އެގޮތުން، ސްކޫލް އިންފްރާސްޓްރަކްޗަރާއި އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293