އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ކަނޑައެޅީ މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.
މި ނިންމުމާއެކު، އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި ޖެހިގެން އަންނަ ހުކުރާއި ހޮނިހިރު ދުވަސް ވެސް ބަންދުވާނެތީ، ރައީސްގެ މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަހުގެ ގޮތުގައި ހަތަރު ދުވަސް ލިބޭނެ އެވެ.
އެ ބަންދަށް ފަހުގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ މި މަހުގެ 15 ގައެވެ.
ނޮވެމްބަރު 11 ފާހަގަކުރަނީ ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހު ކަމަށްވާތީއެވެ.




