twitterviber whatsapp telegramfacebookyoutube instagram
10th October 2026

ކުޅުދުއްފުށީގައި ކެނަލް ސްޕޯޓްސްއިން ބާއްވާ ބީޗްވޮލީބޯލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Oct 9, 2026

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމާއެކު ކެނަލް ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކެނަލް ސްޕޯޓްސް ބީޗް ވޮލީބޯޅަ މުބާރާތް 2026" އޮކްޓޯބަރު މަހުގެ 29 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ތައްޔާރުވެއްޖެ އެވެ.

މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން، ކުޅިވަރުގެ ރޫހު އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރު 22 ވާ ބުރާސްފަތި ދުވަހުގެ މުއްދަތެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ކޮންމެ ޓީމަކުން ބައިވެރިވުމުގެ ފީގެ ގޮތުގައި -/500 (ފަސްސަތޭކަ) ރުފިޔާ ދައްކަންޖެހޭނެ އެވެ.

ރަޖިސްޓްރޭޝަން ލިންކް

މުބާރާތުގެ ޓީމުތައް އެކުލެވިގެންވާ ގޮތަށް ބަލާއިރު، ކޮންމެ ޓީމެއްގައި ހިމެނޭނީ ޖުމްލަ 3 ފަރާތެކެވެ. އެއީ ކުޅޭ 2 ކުޅުންތެރިންނާއި 1 އޮފިޝަލެވެ. މުބާރާތުގެ މެޗުތައް ކުޅެވޭނީ އެއިރެއްގައި އެފް.އައި.ވީ.ބީ (FIVB) އިން އަމަލުކުރަން ނެރެފައިވާ "އޮފިޝަލް ބީޗް ވޮލީބޯލް ރޫލްސް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކުޅުންތެރިންގެ ޖާރޒީއަށް ބަލާއިރު، ވޮލީބޯޅަ ގަވާއިދު ހުއްދަކުރާ ޖާރޒީ ބޭނުންކުރަންޖެހޭއިރު، ޖާރޒީގައި ޖެހޭނީ 01 އިން 03 އާ ދެމެދުގެ ނަމްބަރުތަކެވެ. ޖާރޒީގެ ނަމްބަރުތައް ފާޅުކޮށް ފެންނަން ހުންނަންޖެހޭނެ އެވެ.

އަދި ޓީމުގެ ކެޕްޓަން ވަކިކޮށް އެނގޭނެހެން ޖާރޒީގެ ކުރިމަތީގައި ޖަހާ ނަމްބަރުގެ ދަށުގައި ދަށުރޮނގު ދަމާފައި ހުންނަންޖެހެ އެވެ. ހުރިހާ ވަގުތެއްގައިވެސް މެޗުގެ ތެރޭގައި ޓީމު ތަމްސީލުކުރާނީ ޓީމުގެ ކެޕްޓަނެވެ. ކުޅުންތެރިން ބޭނުންކުރާ ބޭންޑްފަދަ ތަކެތި ހުންނަންވާނީ ކަޅުކުލައިގަ އެވެ. އެކި ކުޅުންތެރިން އެކި ކުލައިގެ ބޭންޑްފަދަ ތަކެތި އަޅައިގެން ކުޅުމަކީ ގަވާއިދުން ހުއްދަކުރާ ކަމެއް ނޫނެވެ.

ކެނަލް ސްޕޯޓްސްއިން އާންމުކޮށްފައިވާ ގަވައިދުތައް

މުބާރާތުގެ ކުޅުން ކުރިއަށްދާނީ ގްރޫޕް ސްޓޭޖާއި ނެކްސްޓް ރައުންޑްތައް ހިމެނޭ ގޮތަށެވެ. މެޗުތަކުން މޮޅުވާ ޓީމަކަށް 2 ޕޮއިންޓް ލިބޭއިރު، 2-1 ސެޓުން ނުވަތަ 2-0 ސެޓުން ބަލިވާ ޓީމަކަށް ލިބޭނީ 1 ޕޮއިންޓެވެ. މެޗަކަށް ހާޒިރުނުވެއްޖެނަމަ ނުވަތަ މެޗު ދޫކޮށްލައިފިނަމަ (ފޯފިޓްކޮށްފިނަމަ) އެ ޓީމަކަށް ލިބޭނީ 0 ޕޮއިންޓެވެ. ގްރޫޕް މެޗުތައް ނިމޭއިރު ޓީމުތަކުގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، ވަނަ ކަނޑައެޅުމުގައި ފުރަތަމަ ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެވިފައިވާ މެޗުތަކުގެ ނަތީޖާއަށެވެ.

އެއްވަރުވީ 2 ޓީމު ކަމުގައިވާނަމަ، އެ ދެޓީމު ބައްދަލުކުރި މެޗުން މޮޅުވި ޓީމަކަށް އިސްކަންދެވޭނެ އެވެ. އެއްވަރުވީ 2 ޓީމަށްވުރެ ގިނަ ޓީމުތައް ކަމުގައިވާނަމަ، ނަތީޖާ ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެފައިވާ މެޗުތަކުގެ ފައިދާ ސެޓަށެވެ. މިގޮތުންވެސް އެއްވަރުވެފައިވާނަމަ، ދެން ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެފައިވާ މެޗުތަކުގެ ފައިދާ ޕޮއިންޓަށެވެ.

މި މުބާރާތުގެ ދެ ޑިވިޝަނުންވެސް އެންމެ މޮޅު ވަނަތަކަށް ހޮވޭ ޓީމުތަކަށް ވަނީ ފައިސާގެ އިނާމުތައް ހުށަހެޅިފަ އެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ތިންވަނައަށް ހޮވޭ ޓީމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293